Roadha Mihaaru
ޕާކިސްތާނުގެ ފްރެންޗައިޒް ލީގު އަންނަ މަހު ލޯންޗުކުރަނީ

ޕާކިސްތާނުގެ ފްރެންޗައިޒް ފުޓްބޯޅަ ލީގުގެ އެމްބެސެޑަރަކަށް އޮވެން، އަންނަ މަހު ލީގު ލޯންޗުކުރަނީ

22 މެއި 2024

ޕާކިސްތާނުގެ ފުރެންޗައިޒް ފުޓްބޯޅަ ލީގު އަންނަ މަހު ހަތަރެއްގައި ލޯންޗު ކުރަން އިއުލާންކޮށްފި އެވެ.

ޕާކިސްތާނުގެ ފުރެންޗައިޒް ފުޓްބޯޅަ ލީގު އަންނަ މަހު ހަތަރެއްގައި ލޯންޗު ކުރަން އިއުލާންކޮށްފި އެވެ.

ޕާކިސްތާނުގައި ކްލަބް ލެވަލްގައި ރަސްމީ ލީގެއް ނޯވެ އެވެ. ލީގެއް ނެތުމުން، ގައުމީ ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓަންޓީން ވެސް އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލީގު ލޯންޗުކުރުމުގެ ހަފުލާ، ޕާކިސްތާންގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު ސިޓީ ލާހޫރުގައި ބާއްވަން. ލީގު އިންތިޒާމުކުރާ ޕާކިސްތާނު ފުޓްބޯލް ލީގު ޔޫކޭ ހޯލްޑިންގްސް ގުރޫޕުން ވަނީ ނިންމާފަ އެވެ. ލީގު ރަސްމީކޮށް ލޯންޗުކޮށްދޭނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކުރިން ހޯދި މައިކަލް އޮވެން އެވެ.

ލިވަޕޫލާއި ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑްގެ އިތުރުން، ފުޓްބޯޅައިގައި މަޝްހޫރު އެހެން ފަރާތްތައް ވެސް އެ ހަފުލާގައި ބައިވެރިވާނެ އެވެ. ޕީއެފްއެލުން ބުނީ ބޭރުގެ 25 އޮފިޝަލުން އެ ހަފުލާގައި ބައިވެރިވާން ޕާކިސްތާނަށް ދަތުރުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ ބެންފީކާގެ އޮފިޝަލުން ވެސް ހިމެނެ އެވެ.

އިނގިރޭސިވިލާތުގައި މައި އޮފީސް ގާއިމުކޮށްފައިވާ، ޕާކިސްތާން ފުޓްބޯލް ލީގު ޔޫކޭ ހޯލްޑިންގްސްއިން އިން ވަނީ، ލީގުގެ އެމްބެސެޑަރަކަށް ވެސް އޮވެން ހަމަޖައްސައިފަ އެވެ.

އެ ގުރޫޕުން ބުނީ ޕާކިސްތާނަށް ފުޓްބޯޅައިގެ ފޯރި ގެނެސްދީ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޕީއެފްއެލް ޔޫކޭ ހޯލްޑިންގްސްގެ ޗެއާމަނަކީ އިނގިރޭސިވިލާތުގެ ޕާކިސްތާނުގެ ދަރިކޮޅަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ފަރްހާން އަހްމަދު ޖުނޭހޯ އެވެ. އެ ކުންފުނީގެ ސީއޯއޯ އަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ދައުރުގައި އެކުލަވާލި ސްޕޯޓްސް ޓާސްކްފޯސްގެ މެންބަރު ކުންވާރް އަހްމަދެވެ.

ކުންވާރް އިސް ނަގައިގެން އިމްރާން ހާންގެ ދައުރުގައި ވަނީ ޕާކިސްތާނުގެ ފުޓްބޯޅަ ޕްރޮމޯޓް ކުރަން ހަރަކާތްތަކެއް ހިންގަ އެވެ. ބެލޮންޑިއޯ އެވޯޑް ހޯދި ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ، ބްރެޒިލްގެ ރިކާޑޯ ކަކާ އަދި ޕޯޗުގަލްގެ ލުއިސް ފީގޯ ވެސް އެ ގައުމަށް ކުންވާރު ގެންދިޔަ އެވެ.

ޕީއެފްއެލް ޔޫކޭ ހޯލްޑިންގްސްގެ ޗެއާމަން ފަރްހާން ޖުނޭހޯ ވިދާޅުވީ ފުޓްބޯޅަ ލީގަށް ބޭރުގެ އިންވެސްޓަރުން ވެސް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ހުރި ދަނޑުތައް މެޗުތައް ކުޅެވޭ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ކުޑަކުދިން ކުޅެން 100،000 ފުޓްބޯޅަ ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ. އެއީ އެ ކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީ، ފުޓްބޯޅައިގެ ޖީލެއް އަނބުރާ ގެނެސްދިނުމަށް،" ފްރްހާން ވިދާޅުވި އެވެ.

ޕާކިސްތާން ފުޓްބޯލް ލީގު ޔޫކޭ ހޯލްޑިންގްސް ގުރޫޕްގެ ޗެއާމަން ފަރްހާން ޖުނޭހޯ

ޕާކިސްތާން ފުޓްބޯލް ލީގު ޔޫކޭ ހޯލްޑިންގްސް ގުރޫޕްގެ ޗެއާމަން ފަރްހާން ޖުނޭހޯ

އޭނާ ވިދާޅުވީ، ޕީއެފްއެލްގެ ޓީމުން ތިން ދުވަސްތެރޭ ކުރި މަސައްކަތުން ޕާކިސްތާނުގެ އުތުރުގެ ދުރު ހިސާބުތަކުން ފުޓްބޯޅައިގެ ހުނަރު ހުރި 5،000 ކުޑަކުދިން ދެނެގަނެވިއްޖެ ކަމަށެވެ.

"އަހަރެމެންގެ ޓީމުތައް މިހާރު ވެސް ވަނީ އުތުރުގެ ދުރު ހިސާބުތައް؛ ގިލްގިޓް ބޮލްޗިސްތާން، އާޒާދު ކަޝްމީރުން ކުއެޓާ އަށް، ގަވާދަދު އަދި މަލިރް އާއި ލިޔަރީ އަށް ދަތުރުކޮށް ފުޓްބޯޅައިގެ ހުނަރު ހުރި 5،000 ކުޑަކުދިން ތިން ދުވަސްތެރޭގައި ދެނެގަނެވިފަ،" ފަރްހާން ވިދާޅުވި އެވެ.

"އަހަރެމެން މި ޕްލޭން ކުރަނީ ފުޓްބޯޅަ ސެންޓަރުތައް ވެސް ތަރައްގީ ކުރަން. އަދި އިންޓަނޭޝަނަލް ކްލަބްތަކުން ޕާކިސްތާނުގެ ކުޅުންތެރިންނަށް ތަމްރީނު ޕްރޮގްރާމްތައް ހޯދުމަކީ ވެސް ފަސޭހަ ކަމެއް."

އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ޕާކިސްތާނުގެ ވިޔަފާރިވެރިންނާއި ގަލްފުގެ ގައުމުތަކުގެ ވިޔަފާރިވެރިންގެ އިންވެސްޓްމެންޓާ އެކު ޕާކިސްތާނުގެ ފުޓްބޯޅަ އަށް އެއް ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ.