Roadha Mihaaru
ޓްރީ ޓޮޕްއިން ލީޑްލެސް ޕޭސްމޭކަރު ލައްވައިފި

ޓްރީ ޓޮޕްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކަރު ލައްވައިފި

14 މެއި 2024

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކަރު ލެއްވުމުގެ ޕްރޮސީޖަރު ހަދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކަރު ލެއްވުމުގެ ޕްރޮސީޖަރު ހަދައިފި އެވެ.

އެ ހޮސްޕިޓަލުން ވަނީ ލީޑްލެސް ޕޭސްމޭކަރު ލެއްވުމުގެ ދެ ޕްރޮސީޖަރެއް ހަދައިފަ އެވެ. މިއީ ހިތުގެ ބަލިތަކަށް ރާއްޖޭގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފޯރުކޮށްދެމުންދާ ފަރުވާ އަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޓްރީ ޓޮޕްއިން ފާހަގަކުރެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ފަރުވާ އަށް ހާއްސަ ކެތް ލެބްގައި ކާޑިއޮލޮޖީ ޓީމުން ކުރިޔަށް ގެންދިޔަ މި ޕްރޮސީޖަރުތަކުގައި، 79 އަހަރުގެ ޕޭޝަންޓަކާއި 90 އަހަރުގެ ޕޭޝަންޓެއްގެ ހިތުގެ ހިނގުން ރެގިއުލޭޓް ކުރުމަށް ލީޑްލެސް ޕޭސްމޭކަރު ވަނީ ލައްވައިފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަރް ޖީ. ވިދާޅުވީ އެ ޕްރޮސީޖަރު ކާމިޔާބުކުރެވުމަކީ ޓްރީ ޓޮޕް އާއި ރާއްޖޭގެ ސިއްހީ ދާއިރާ އަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ލީޑްލެސް ޕޭސްމޭކާ ޕްރޮސީޖަރާ އެކު މި ޕްރޮސީޖަރު ހެދުމަށް ރާއްޖެއިން ބޭރަށް ކުރިން ދާން ޖެހިފައިވާ ޕޭޝަންޓުންނަށް ރާއްޖެއިން މި ހިދުމަތް ލިބުމަކީ ލިބޭނެ ލުޔެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. މި ކަމަކީ ރާއްޖޭގައި ހިތުގެ ހިނގުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް، ފަރުވާ ހޯދުމަށް ހިނގާ ހަރަދުތައް ކުޑަވެގެންދާނެކަމެއްގެ ގޮތުގައި ވެސް ޑޮކްޓަރު ސިފަކުރެއްވި އެވެ.

ލީޑްލެސް ޕޭސްމޭކާ އަކީ ހިތުގެ ހިނގުން މަޑުކޮށްދިނުމަށް، ސީދާ ހިތުގެ ތެރެއަށް ލައްވާ "ސެލްފް ކޮންޓެއިންޑް" ކުޑަ ޑިވައިސްއެކެވެ. އާދައިގެ ޕޭސްމޭކަރުތަކާ ހިލާފަށް، މި ފަދަ ސެލްފް ކޮންޓެއިންޑް ޑިވައިސްތަކުގައި ކަރަންޓު ޖެނެރޭޓް ކުރުމަށް އިތުރު ބެޓެރި އަދި ނަރުތަކެއް ގުޅާފައި ނުހުންނާނެ އެވެ. މީގެ ސަބަބުން ޕޭސްމޭކަރު ލައްވާ ޕޭޝަންޓުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. މިގްދާދު ޝަރީފް ވިދާޅުވީ މި ޓެކްނޮލޮޖީ އަކީ "މިނިމަލީ އިންވޭސިވް"، ކުޑަ އިންސިޝަންއަކުން ނިންމާލެވޭ ޕްރޮސީޖަރެއް ކަމަަށެވެ. އަދި މި ޕްރޮސީޖާއިން ރިކަވަރީ ވަގުތު ކުރުވެ، ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާކަން ފާހަގަކުރެއްވި އެވެ.

މިނިމަލީ އިންވޭސިވް ޕްރޮސީޖަރުތަކަކީ އުމުރުން ދުވަސްވީ މީހުންނަށް މޭޖާ ސާޖަރީއަކަށް ދިއުމުގެ ބަދަލުގައި ފަސޭހައިން ކޮށްލެވޭ ޕްރޮސީޖަރެކެވެ. މި ޕްރޮސީޖަރުން ކޮސްމެޓިކް އިމްޕެކްޓް ކުޑަވެ، ދެތިން ދުވަހެއްގެ ތެރޭގައި އާންމު ދިރިއުޅުމަށް ރުޖޫ ވެވޭނެ އެވެ.

ޓްރީޓޮޕްގައި މި ޕްރޮސީޖަރު ހެދީ ޑރ. މިގްދާދު އާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޑރ. އަމިތް އަގަރްވާލް އާއި ވިޒިޓިންގް ކާޑިއޮލޮޖިސްޓް ޑރ. އަރުން ގޯޕީ އެވެ.