Roadha Mihaaru
އެމްއާރުއައި ހަދަން ފަސޭހައަކަށް ޓްރީ ޓޮޕްގެ ކެމްޕޭނެއް

އެމްއާރުއައި ހަދަން ފަސޭހަކޮށްދޭން ޓްރީ ޓޮޕްގެ ހާއްސަ ކެމްޕޭނެއް

24 ޖުލައި 2024

ނާރުގެ މައްސަލަތައް ދެނެގަތުމަށް ހަދާ އެމްއާރުއައި ޓެސްޓަށް ހާއްސަކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ކެމްޕެއިނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ނާރުގެ މައްސަލަތައް ދެނެގަތުމަށް ހަދާ އެމްއާރުއައި ޓެސްޓަށް ހާއްސަކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕޭން ޓްރީ ޓޮޕް އިން ކުރިއަށް ގެންދަނީ، އެމްއާރުއައި ހަދަން އާސަންދައިން ކަނޑައަޅާފައިވާ އަދަދު ފިޔަވައި އިތުރަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށެވެ.

މި ކެމްޕެއިން ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރީޓޮޕްގެ ސީއީއޯ ޑރ. އެސް ސްރިވަތުސަން ސްރީދަރު ޖީ ވިދާޅުވީ މި ކެމްޕެއިނަކީ އެމްއާރުއައި ހެދުމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެށި ކެމްޕެއިނެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ އާއްމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދޭން މަސައްކަތް ކުރާ ހޮސްޕިޓަލެއް ކަމަށް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ޒަމާނީ ދެ އެމްއާރުއައި މެޝިނު ހުރެ އެވެ. އެ މެޝިނަކީ ކުޑަކުދިންނާއި، ކްލޮސްޓްރޮފޯބިއާ ހުންނަ މީހުންނަށް ޓެސްޓު ހެދުމުގައި ކުރިމަތިވާ ދަތިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ވީޑިއޯ އާއި މިއުޒިކް ވެސް ޖެހޭ ކަހަލަ މެޝިނެވެ. އަދި އެމްއާރުއައި ހަދަން ބިރުގަނެ، ނުތަނަވަސްކަން އިހުސާސް ކުރެވޭ ނަމަ، ސްކޭން ނަގާއިރު ގާތުގައި އެހީތެރިއަކު ވެސް ބެހެއްޓޭނެ އެވެ.