Roadha Mihaaru
އުރީދޫން ޓިކްޓޮކަށް ހާއްސަ ޑޭޓާ އޮފާތަކެއް

އުރީދޫން ޓިކްޓޮކާ އެކު ޕާޓްނާޝިޕް ހަދައި ހާއްސަ ޑޭޓާ އޮފާތަކެއް

29 އެޕްރީލް 2024

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކާ އެކު އުރީދޫން ޕާޓްނާޝިޕް ހަދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކާ އެކު އުރީދޫން ޕާޓްނާޝިޕް ހަދައިފި އެވެ.

މި ޕާޓްނާޝިޕް އިއުލާނުކުރުމަށް ރޭ ބޭއްވި ހާއްސަ އިވެންޓުގައި އެ ކުންފުނިން ވަނީ ޓިކްޓޮކަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ޓިކްޓޮކް ކްރިއޭޓަރުންނާއި ޓިކްޓޮކް ބޭނުންކުރާ މީހުންނަށް ވަކިން ޓިކްޓޮކަށް ހާއްސަ ޑެއިލީ، ވީކްލީ އަދި މަންތުލީ އެކި އަގުގެ ޕެކޭޖުތައް ވަނީ ތައާރަފްކޮށްފަ އެވެ.

މި ހަރަކާތުގައި ހިލޭ ޓިކްޓޮކް ލިބޭ އޮފާއެއް ވަނީ ތައާރަފްކޮށްފަ އެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި އޮފާގައި "ފްރީ ޓިކްޓޮކް" ޖެހުމަށް ފަހު 5555 އަށް މެސެޖުކުރުމުން ޓިކްޓޮކް ބޭނުން ކުރުމަށް 2 ޖީބީ ޑޭޓާ ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދް އަލް ހަމަދީ ވިދާޅުވީ އުރީދޫ އާއި ޓިކްޓޮކްގެ ޕާޓްނާޝިޕަކީ އުރީދޫ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ އީޖާދީ ހިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެއް ކަމަށެވެ. އަދި ޓިކްޓޮކާ އެކު ގާއިމުކުރި ޕާޓްނާޝިޕުން ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށް، އާ ކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވޯކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނީ އެ ކުންފުނިން ޓިކްޓޮކްއާ އެކު ގާއިމުކުރި ޕާޓްނާޝިޕުން ޓިކްޓޮކް ބޭނުންކުރާފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި، ސްޓްރީމް ކުރުމާއި، ޝެއާކުރުމާއި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ލިބޭނެ ކަމަށެވެ. އުރީދޫން ބުނި ގޮތުގައި މި ޕާޓްނާޝިޕްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ އެވެ.