Roadha Mihaaru
އަދާލަތު ޕާޓީ މި ފަހަރު ވެސް ސުމަކުން

އަދާލަތު ޕާޓީ މި ފަހަރު ވެސް ސުމަކުން، އިމްރާން އަށް ވެސް ނާކާމިޔާބު

21 އެޕްރީލް 2024

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީ އަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީ އަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

މި އިންތިހާބުގައި އަދާލަތު ޕާޓީން ހަތަރު ދާއިރާ އަކަށް ވާދަ ކުރި އެވެ.

އެއީ މަކުނުދޫ ދާއިރާ އަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ވައިކަރަދޫ ދާއިރާ އަށް ހުސެއިން ސަގީފް، އިނގުރައިދޫ ދާއިރާ އަށް އިސްމާއިލް އަލީ އަދި ފުނަދޫ ދާއިރާ އަށް އިސްމާއިލް ހަމީދެވެ.

އެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބިވަޑައިގަތީ ނާކާމިޔާބީ އެވެ.

އަދާލަތު ޕާޓީން 19 ވަނަ މަޖިލީހަށް ވެސް ކެންޑިޑޭޓުންތަކެއް ނެރުނެވެ. އެހެން ނަމަވެސް އެ ފަހަރު ވެސް އެ ޕާޓީ އަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވި އެވެ.

އޭގެ ކުރިން 18 ވަނަ މަޖިލީހުގައި މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ އިބްރާހިމް އެކަންޏެވެ. އެއީ އެ ޕާޓީގެ ތާރީހުގައި މަޖިލިސް ގޮނޑިއެއް ކާމިޔާބު ކުރެވުނު ހަމައެކަނި ފަހަރެވެ. އެކަމަކު އަނާރާ މިފަހަރު އިންތިހާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭނާ ވަނީ ހުރާ ދާއިރާގެ ގޮނޑި ޔަގީން ކުރައްވައިފަ އެވެ.