Roadha Mihaaru
ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުން ހުއްޓުވައިފި

ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް އެމެރިކާ ހުރަސްއަޅައިފި

19 އެޕްރީލް 2024

އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ހޯދަން ފަލަސްތީނަށް ހޯދަން ކުރާ މަސައްކަތުގައި، އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކުރުމަށް ހުށަހެޅުމުން އެކަން އެމެރިކާއިން ވީޓޯކޮށް ހުރަސްއަޅައިފި އެވެ.

އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ހޯދަން ފަލަސްތީނަށް ހޯދަން ކުރާ މަސައްކަތުގައި، އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކުރުމަށް ހުށަހެޅުމުން އެކަން އެމެރިކާއިން ވީޓޯކޮށް ހުރަސްއަޅައިފި އެވެ.

އދ.ގެ މެންބަރުކަން ގައުމަކަށް ދިނުމަށް އެންމެ ފުރަތަމަ ޖެހޭނީ ސަލާމަތީ މަޖިލީހުން ސެކްރެޓަރީ ޖެނެރަލަށް އެކަމުގައި ލަފާ ދޭށެވެ. އަދި އޭގެ ފަހުން އާންމު މަޖިލީހަށް ހުށަހަޅައި ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްވެއްޖެ ނަމަ މެންބަރުކަން ލިބޭނެ އެވެ.

އާންމު މަޖިލީހާ ހިސާބަށް ދިއުމުގެ ކުރިން އެމެރިކާއިން ވީޓޯ ބޭނުންކޮށް އެކަން ހުއްޓުވާނެ ކަމަށް ކުރިން ވެސް އޮތޯ ބެލެވިފަ އެވެ. އެކަމަކު މިފަހަރު ވޯޓު ނެގީ އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ހަ މަސް ފަހުން އަދި 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވަނިކޮށް ކަމަށް ވާތީ އެމެރިކާއަށް އޮތީ އިޒްރޭލު ހިމާޔަތްކުރާ މައްސަލައިގައި ފިއްތުން ބޮޑުވެފަ އެވެ.

ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް ލަފާ ދޭން ސަލާމަތީ މަޖިލީހުގެ 12 ގައުމަކުން ތާއީދުކުރި އިރު އިނގިރޭސި ވިލާތާއި ސްވިޓްޒަލެންޑުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

މި ހުށަހެޅުން އެމެރިކާއިން ފެއިލްކޮށްލުމާ އެކު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ މިއީ ފަލަސްތީނާ ދެކޮޅަށް ދެއްކި ވަރަށް ބޮޑު އަނިޔާވެރިކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން ސަރަހައްދުގެ އަމާންކަން އިތުރަށް ގެއްލުމަށް މަގުފަހިވާ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު މިފަދަ ހުށަހެޅުންތައް ފެއިލް ވުމަކީ ފަލަސްތީނު ރައްޔިތުން މާޔޫސްވެ މި ކުރާ މަސައްކަތް ހުއްޓައެއް ވެސް ނުލާނެ،" އދ. އަށް ފަލަސްތީނުން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުއްޓައެއްނުލާނަން. ފަލަސްތީނުގެ ދައުލަތް އުފަންވާނެ. ހަގީގަތަކީ އެއީ."

"ހަނދާނުގައި ބަހައްޓަވާތި. މި ބައްދަލުވުން ނިންމާލާއިރު ފަލަސްތީނުގެ އެތައް ބަޔަކު އެކަމުގެ އަގު އެ މީހުންގެ ފުރާނައިން އަދާކުރަމުންދާކަން ... އެއީ އިންސާފު މިނިވަންކަމާއި ސުލްހަ ގާއިމުކޮށްދިނުން ލަސްވާތީ،" އަސަރާ އެކު އޭނާ ވިދާޅުވި އެވެ.

މި ހުށަހެޅުން އެމެރިކާއިން ވީޓޯކުރި ނަަމަވެސް، ހުށަހެޅުމަށް އިސްނެގި އަލްޖީރިއާއިން ބުނީ ވަރަށް ބޮޑު ތާއީދެއް ގައުމުތަކުން ލިބިއްޖެ ކަމަށާއި އެހެންވެ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރުކަން ހައްގު ގައުމެއް ކަމުގެ ސާފު މެސެޖު ލިބިއްޖެ ކަމަށެވެ.

ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އެއީ ފުރިހަމަ މެންބަރުކަން ހޯދަން 2011 ވަނަ އަހަރު ހުށަހެޅުމުން އެކަމާ މެދު މިހާތަނަށް ވެސް އެއްވެސް ނިންމުމެއް ނުނިންމާ ބޭއްވުމަށް ފަހު އެވެ.

މިއަދާ ހަމަޔަށް އދ.ގެ މެންބަރު 140 ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފަ އެވެ. -- އޭއެފްޕީ