Roadha Mihaaru
އެމެރިކާއިން އިޒްރޭލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު

އެމެރިކާއިން އަނެއްކާވެސް އިޒްރޭލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

15 އޯގަސްޓް 2024

އިޒްރޭލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާވެސް ދެއްވައިފި އެވެ.

އިޒްރޭލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާވެސް ދެއްވައިފި އެވެ.

މި ހުއްދަ ދެއްވާފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ހަތިޔާރު ނުވިއްކުމަށް އެދި، ހައްގުތަކަށް ވަކާލާތުކުރާ އެކި ފަރާތްތަކުން ޕްރެޝަރުކުރަމުން ދަނިކޮށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންގްރެސް އަށް އަންގާފައިވާ ގޮތުގައި އެފް-15 މަރުކާގެ ހަނގުރާމަމަތީ 50 ޖެޓް އިޒްރޭލަށް ވިއްކަން ވަނީ ހުއްދަ ދީފަ އެވެ. ޖެޓްތަކުގެ އަގު އެކަނިވެސް 18.82 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޖެޓްގެ އިތުރުން 33،000 ޓޭންކް ކާޓްރިޖާއި 50،000 މޯޓަ ކާޓްރިޖާއި ކާގޯ ވެހިކަލްތަކެއް ވެސް އިޒްރޭލުން ގަންނާނެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި އިޒްރޭލަށް ޖެޓްތައް ސަޕްލައިކުރަން ފަށާނީ 2029 ވަނަ އަހަރު އެވެ. މިއީ އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކުގެ ފްލީޓް އާކުރުމަށް ބޭނުންކުރާ އުޅަނދުތަކެއް ކަމަށާއި މި ޖެޓްތައް ސަޕްލައިކުރާއިރު ރާޑަރުގެ އިތުރުން ކޮމިއުނިކޭޝަން އިކުއިޕްމަންޓު ވެސް އަޕްގްރޭޑްކުރާނެ ކަމަށް ބުނެފައިވެ އެވެ.

"އިޒްރޭލުގެ ހިމާޔަތަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ދޭނެ. އިޒްރޭލުގެ ދިފާއަށް އަބަދުވެސް ތައްޔާރުވެ ބާރު ގަދަކޮށްފައި ބޭއްވުމަކީ އެމެރިކާގެ މަސްލަހަތަށް ވެސް މުހިންމު ކަމެއް،" ބޮއިން އުފައްދާ އެފް-15 މަރުކާގެ ޖެޓްތައް އިޒްރޭލަށް ވިއްކުމާ ބެހޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ކޮންގްރެސް އަށް ފޮނުވި ނޯޓިސްގައި ބުނެފައިވެ އެވެ.

އޭގައި ބުނެފައިވަނީ އިޒްރޭލަށް ވިއްކާ ޓޭންކް ކާޓްރިޖްތަކަކީ މި ވަގުތު އިޒްރޭލަށް ކުރިމަތިވެފައިވާ ނުރައްކަލުންނާއި ކުރިމަގުގައި ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްވެ ދިފާއުގައި ބޭނުންކުރުމަށް މުހިންމު އެއްވެސް ކަމަށެވެ.

އިޒްރޭލަށް ހަތިޔާރު ވިއްކުން ކޮންގްރެސް އިން ބޭނުންވެއްޖެ ނަމަ ހުއްޓުވިދާނެ އެވެ. އެކަމަކު އެއީ ވުމަށް ވުރެ ނުވުން ގާތް، އުނދަގޫ މަރުހަލާތަކެއް ފުރިހަމަކޮށްގެން ނޫނީ ވާނެ ކަމެއް ނޫނެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން. ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ސާޅީސް ހާހެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލުން ހިންގަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބެލެވޭތީ ހަމަލާތައް ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އަމުރުކޮށްފައި ވާއިރު އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ހަމަލާތައް ހުއްޓާލަން ގޮވާލައި ގަރާރެއް ފާސްކޮށްފަ އެވެ. އެކަމަކު އެއްވެސް އަމުރަކަށް ބޯނުލަނބައި އިޒްރޭލުން ފަލަސްތީނަށް ހަމަލާދެމުން ދާއިރު އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން އަބަދުވެސް ވާހަކަ ދައްކަ އެވެ.