Roadha Mihaaru
ކުޅުދުއްފުށިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ!

މައްސަލަ ހައްލު ކުރިތާ ގިނައިރު ތަކެއް ނުވަނީސް އަނެއްކާ ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ!

16 އެޕްރީލް 2024

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް، މުޅި ރަށަށް ކަރަންޓު ދޫކޮށްފައިވާ ކަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ރަށުން މިއަދު ހެނދުނު އަނެއްކާ ވެސް ކަރަންޓު ކެނޑިޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް، މުޅި ރަށަށް ކަރަންޓު ދޫކޮށްފައިވާ ކަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ރަށުން މިއަދު ހެނދުނު އަނެއްކާ ވެސް ކަރަންޓު ކެނޑިޖެ އެވެ.

ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އިއްޔެ ހެނދުނުން ފެށިގެން އެ ރަށުން އެއްކޮށް ކަރަންޓު ކެނޑުނެވެ.

އެހެންވެ، ފެނަކަ ކޯޕަރޭޝަންގެ އެދުމުގެ މަތިން އިއްޔެ ހަވީރުގެ ވަގުތެއްގައި، ސްޓެލްކޯގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުއްޓަށް ގޮސް، ރޭ 8:00 ހާއިރު ކަރަންޓުގެ މައްސަލަ ހައްލު ކޮށް ރަށަށް ކަރަންޓު ދޫކުރި އެވެ.

އެކަމަކު، މިއަދުގެ ހެނދުނު ނުވައެއް ޖަހާކަންހާއިރުން ފެށިގެން މުޅިން ރަށުން އަނެއްކާ ވަނީ ކަރަންޓު ކެނޑިފަ އެވެ.

މައްސަލަ ހައްލު ކުރަން ފެނަކައާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް މިއަދު ވިދާޅުވީ، އަނެއްކާވެސް ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯގައި މިހާރު ތިބި އެ ކުންފުނީގެ ޓީމާއި ފެނަކައިގެ މުވައްޒަފުން މައްސަލަ ހައްލު ކުރަން ހަރަކަތާތްރިވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ބެކަޕް ޓީމެއް އަނެއްކާ ވެސް އެ ރަށަށް އަޅުގަނޑުމެން މިއަދު ފުރުވާލާނަން. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ވަންދެން ސްޓެލްކޯގެ ޓީމު އެ ރަށުގައި ތިބޭނެ،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޖީނުތައް މެއިންޓެއިން ނުކުރުމާއި ސާވިސް ނުކުރުމުން ވަރަށް ބޮޑަށް ވަނީ ހަލާކު ވެފައި ކަމަށެވެ.

"އޭގެ އުނދަގޫތައް މިހާރު ޖެހިގެން އެ އުޅެނީ،" ފަހުމީ ވިދާޅުވި އެވެ.

ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މިދިޔަ މަހު 27 ގައި އެ ރަށަށް ޖެނަރޭޓަރެއް ވެސް ފޮނުވި އެވެ. ނަމަވެސް އެ މައްސަލަ އަށް ހައްލެއް އައިސްފައިވާތީ މިދިޔަ ދުވަސްތަކުގައި އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ.