Roadha Mihaaru

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާނުކޮށްފި

އޭވިއޭޝަން ސެކިއުރިޓީގެ ގިނަ އަދަދެއްގެ ވަޒީފާއަށް ކުރިމަތިލާން ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އޭވިއޭޝަން ސެކިއުރިޓީއަށް އޮފިސަރުން ހޯދަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 އެޕްރީލް 2024

އޭވިއޭޝަން ސެކިއުރިޓީގެ ގިނަ އަދަދެއްގެ ވަޒީފާއަށް ކުރިމަތިލާން ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ އެ ތަނުން ސެކިއުރިޓީ ބަލަހައްޓާ އެއާޕޯޓުތަކަށް 55 އޮފިސަރުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ.

މުސާރައިގެ ގޮތުގައި 5،920ރ. އަދި ސާވިސްގެ އެލަވަންސްގެ ގޮތުގައި 1،500ރ. އާއެކު މަހަކު 7،420ރ. ލިބޭނެ އެވެ. އޭގެ އިތުރުން، ޑިއުޓީ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު އެލަވަންސްގެ ގޮތުގައި 60ރ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 150ރ. ލިބޭނެ އެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން ސީ ލިބި، ސެކަންޑްރީ ސްކޫލު ސެޓްފިކެޓު އިމްތިހާނުން ދިވެހި މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބެންޖެހޭނެ އެވެ. ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކުރިޔަސް، އެއާޕޯޓު ސެކިއުރިޓީ އޮފިސަރުގެ މަގާމަށް ކުރިމަތިލެވޭނެ އެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި؛

- އުމުރުން 18-35 އަހަރާ ދެމެދު

- އިސްކޮޅުގައި ފަސް ފޫޓު ހުރުން

އެއާޕޯޓު ސެކިއުރިޓީއަކަށް ހޮވޭ މުވައްޒަފުން މަގާމުގެ ބޭސިކް ޓްރެއިނިންއިން ފާސްވުމުން، ސީއެސް 1-3 ރޭޏްކުގެ ފުރަތަމަ ގްރޭޑަށް ޕްރޮމޯޝަން ލިބޭނެ އެވެ.