Roadha Mihaaru
ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭނެ ގޮތް ހަދަނީ

ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭނެ ގޮތް ހަދަނީ

28 މާޗް 2024

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ރަށްރަށުގައި އަދިވެސް ދިރިއުޅެމުން އަންނާތީ ރަށްރަށުން ހިދުމަތް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުން ވެސް ގިނަ ބަޔަކު ޕާސްޕޯޓުގެ ހިދުމަތަށް އެދެމުން އަންނާތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިހާރު ސަރުކާރުން ނިންމާފައި އޮތީ ކޮންމެ ސިޓީއަކާއި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގައި ވެސް ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

"ހިދުމަތް ފުޅާކުރަމުން މިދަނީ ރާއްޖޭގެ މި ވަގުތު ހާލަތާއި ސިޓީތަކުގެ ކަންކަން ހުރި ގޮތަށް ބަލާއިރު މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވިދާޅުވީ މި ވަގުތު ވެސް އިމިގްރޭޝަނުން އަންނަނީ ސިޓީތަކުން ޕާސްޕޯޓު ދޫކުރަމުން ކަމަށެވެ.

ޝަމްއާން ވިދާޅުވީ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މުވައްޒަފުން ނެގުމާއި ޕާސްޕޯޓު ސެޓަޕު ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

"ބޭނުމަކީ އާންމުން ބޮޑު ހަރަދެއް ނުކޮށް ސަރުކާރުން މިދޭ ހިދުމަތްތައް ރަށްރަށުންނާއި އަތޮޅުތަކުން ލިބިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އަދި ޑީއެންއާރު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އަދި ޑީއެންއާރު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންޓްރޯލަރު ވިދާޅުވީ އަތޮޅު ތެރެއިން ކޮންމެ މަހަކު، ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް 1،200 އެއްހާ މީހުން މާލެ އަންނަ ކަމަށެވެ. ޕާސްޕޯޓު ހެއްދުމަށް ހޭދަވާ އަދަދަށް ވުރެ ޕާސްޕޯޓު ނަގަން މާލެ އައުމަށް ކުރާ ހޭދަ ބޮޑު ކަމަށް ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

"5،000-6،000 އާ ދެމެދުގެ ހަރަދެއް [ޕާސްޕޯޓް ހައްދަން މާލެ އަންނަން ކޮންމެ މީހަކު] އެބަ ކުރޭ. މިއީ ވަރަށް ބޮޑު ހަރަދެއް ހުރިހާ ރައްޔިތުންނަށް ބަލަންޏާ. އަހަރެއްގެ މައްޗަށް އެބަ ހަރަދުވޭ 77.7 މިލިއަނެއްހާ ރުފިޔާ. އެހެންވީމާ މި ނިންމުމާ އެކު މި ހަރަދު ކުޑަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަމްއާން ވިދާޅުވި އެވެ.

ސަރުކާރުން އަމާޒު ހިފާފައި ހުރީ އެއް ފަހަރާ ހުރިހާ ރަށެއްގައި މި ހިދުމަތް ނުފެށުނަސް، އެކަމަށް ފުރަތަމަ އެދިފައިވާ ރަށްރަށަށް އިސްކަންދީގެން ކުރިއަށް ގެންދާށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ހުރީ އައިޑީކާޑުގެ ހިދުމަތް ވެސް ހުރިހާ އަތޮޅަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.