Roadha Mihaaru
ރައްޔިތުންގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހެއް

ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް

27 މާޗް 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިތުރު ބައިތަކެއް ހިމަނާށެވެ. އެ މާއްދާއަށް ގެންނަން ހުށަހެޅި އިސްލާހުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ފަސް ހާލަތެކެވެ.

އެއީ؛

- މެންބަރަކު އިންތިހާބުވި ޕާޓީން އަމިއްލަ އިސްނެގުމުގެ މަތިން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުން

- އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުން

- ޕާޓީގެ ނިންމުމަކާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް މެންބަރަކު ޕާޓީން ވަކިކުރުން

- މަޖިލީހުގައި ދޭ ވޯޓަކާ ގުޅިގެން ނޫން ހާލަތެއްގައި ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކި ކުރަން ނިންމުން

- މެންބަރަކު ވަކިކުރަން ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާ ހާލަތުގައި، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރަން ނިންމުން

ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކި ކުރެވޭނެ ގޮތެއް މިހާރު ގާނޫނުއަސާސީގައި ނޯވެ އެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން ވަކި ކުރެވޭނެ އުސޫލެއް ނެތް ހަމައެކަނި މަގާމަކީ ވެސް މަޖިލިސް މެންބަރުންނެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތީ މަޖިލީހުގެ މެންބަރެއްގެ މަގާމު ގެއްލޭނެ ހާލަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ އެ ގަވައިދުން ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބު ސާބިތުވުމެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މަޖިލިސް މެންބަރުން ވަކި ކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ހިމަނަން ހުށަހަޅާފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ މެންބަރުން ވަކި ކުރެވޭނެ އުސޫލުތައް ބަޔާން ކުރަން ވަކި ގާނޫނެއް ހަދަން ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލް އިއްޔެ ވަނީ މަޖިލީހުން ބަލައިގަނެ، ކޮމިޓީން ދިރާސާ ކުރަން ފޮނުވައިފަ އެވެ.