Roadha Mihaaru
މަޖިލިސް ޖަލްސާ ނުބޭއްވުމުން މެންބަރުންގެ ކަންބޮޑުވުން!

މުހިންމު ގިނަ މަސައްކަތްތަކެއް ހުއްޓަސް މަޖިލިހުގެ ޖަލްސާ ނުބޭއްވުމުން ކަންބޮޑުވުން!

26 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލިހުން ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރި ނަމަވެސް މިއަދުގެ ޖަލްސާ ނުބޭއްވި މައްސަލާގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލިހުން ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރި ނަމަވެސް މިއަދުގެ ޖަލްސާ ނުބޭއްވި މައްސަލާގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ މިދިޔަ ހަފުތާގެ ފަހު ޖަލްސާ ނިންމާލައްވަމުން، މަޖިލިހުގެ ރިޔާސަތުން ނައިބު ރައީސް އަހުމަދު ސަލީމް މިދިޔަ ބުދަ ދުވަހު އިއުލާން ކުރެއްވި ގޮތުން އާންމު އުސޫލާ އެއްގޮތަށް މި ހަފުތާގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާނެ އެވެ.

އެކަމަކު، މިއަދަށް މަޖިލިހުގެ ރިޔާސަތުން ޖަލްސާއެއް ތާވަލެއް ނުކުރި އެވެ. ޖަލްސާ ނޯންނާނެ ކަން މަޖިލިހުގެ އިދާރާ އިން ކަށަވަރު ކޮށްދިނަސް ސަބަބު ނުބުންޏެވެ.

ޖަލްސާ ނުބޭއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް "އެކްސް"ގައި ވިދާޅުވީ، ޖަލްސާތައް ނުބާއްވައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ގަވައިދުގައިވާ ގޮތުގެ މަތިން ޖަލްސާތައް ބާއްވަން ޖެހޭނެ ކަމަށެވެ.

"ޖަލްސާތައް ނުބާއްވަން ޕީޖީ ލީޑަރުން މަޖިލިސް ރައީސަށް ލަފައެއް ނުދެއްވޭނެ. މަޖިލީހުން ނިންމާންޖެހޭ އެތައް ބައިވަރު މަސައްކަތެއް އެބަހުރި،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ވަކި ސަބަބެއް އެންގުމެއް ނެތި މި ގޮތަށް ޖަލްސާތައް ކެންސަލް ކުރުން ބަލައިނުގެނެވޭ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ހަފުތާއަކު ތިން ޖަލްސާއެއް ބާއްވަން ޖެހެ އެވެ. ޖަލްސާތަކުގެ އެޖެންޑާ ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސެވެ.

އެނގިފައިވާ ގޮތުގައި މިއަދުގެ ޖަލްސާ ކެންސަލްކުރީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަޖިލީހުގެ ޕީޖީ ލީޑަރުންނާ އެކު ކުރެއްވި ނުރަސްމީ މަޝްވަރާތަކަކަށް ފަހު އެވެ. އެ މަޝްވަރާތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ މެންބަރަކު "މިހާރު" އަށް ވިދާޅުވީ، އާންމު އުސޫލުން ވެސް އިންތިހާބުތަކާ ދިމާކޮށް، ޖަލްސާތައް ބާއްވަނީ ހަމައެކަނި ކޮންމެހެން ނިންމަން ޖެހޭ މަސައްކަތްތަކަށް އެކަނި ކަމަށެވެ.

އަންނަ މަހުގެ 17 ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާތީ، ގިނަ މެމްބަރުން އުޅުއްވަނީ ކެމްޕެއިނަށް އެ ބޭފުޅުންގެ ދާއިރާތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ނުވާއިރު، މިއަދަށް ތާވަލްކުރި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.