Roadha Mihaaru
ވޯޓަށް އެހޭ ވަރަށް ވެސް މެންބަރުން ވަޑައިނުގަންނަވާ

ވޯޓަށް އެހޭ ވަރަށް ވެސް މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވާ

18 މާޗް 2024

ރައްޔިތުންގެ މަޖިލީހުގައި އެކި ކަންކަމަށް ވޯޓަށް އެހޭ އަދަދަށް ވެސް މިއަދު މެންބަރުން ވަޑައިނުގަންވާތީ، މަޖިލީހުގެ ބައެއް މަސައްކަތްތައް މަޑުޖައްސާލަން ޖެހިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގައި އެކި ކަންކަމަށް ވޯޓަށް އެހޭ އަދަދަށް ވެސް މިއަދު މެންބަރުން ވަޑައިނުގަންވާތީ، މަޖިލީހުގެ ބައެއް މަސައްކަތްތައް މަޑުޖައްސާލަން ޖެހިއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން ލަތީފު މައްސަލައެއް ހުށަހެޅުއްވި އެވެ. އެއީ، މަޖިލީހުގެ ޖަލްސާތައް ކޮންމެ ހަފުތާއަކު ވެސް މަދުވެގެން ތިން ދުވަހު ބާއްވަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނި ނަމަވެސް، މި ދުވަސްވަރު އެ ގޮތަށް ޖަލްސާތައް ބާއްވަމުން ނުދާތީ ހުށަހެޅުއްވި މައްސަލައެކެވެ.

"މަޖިލީހުން މި ނޫން ގޮތަކަށް ޖަލްސާތައް ނުބާއްވަން ނިންމުމެއް ނިންމާފައި ނުވާއިރު ރައްޔިތުންނާއި ދިވެހިންގެ މަސްލަހަތާ ގުޅުން ހުރި އަދި ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާ ގުޅުން ހުރި އެތައް މަސައްކަތްތަކެއް މިހާރު ވެސް ކުރަން ހުރި އިރު މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ހުއްޓާލާފައި ވުމަކީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް ނުހަނު ބޮޑު ގެއްލުމެއް ވާނެ ކަމެއް،" މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ގޮވާލައި ހަސަން ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވޯޓު ރަނގަބީލް ޖެއްސެވި އެވެ. ނަމަވެސް، އޭގެ ފަސް މިނެޓް ފަހުން ވެސް ވޯޓަށް އެހޭ އަދަދަށް މެންބަރުން ތަޅުމަށް ވަޑައިނުގަންނަވަ އެވެ.

މިއަދުގެ ޖަލްސާ ފެށިއިރު 23 މެންބަރުން ތިއްބެވި ކަމަށް އިއުލާންކުރި އެވެ. ނަމަވެސް ވޯޓަށް އެހިއިރު ތިއްބެވީ 16 މެންބަރުން ކަމަށްވާއިރު ވޯޓަށް އަހަން އެންމެ މަދުވެގެން 22 މެންބަރުން ބޭނުންވެ އެވެ.

އެހެންވެ، މަޖިލީހުގެ ނައިބު ރައީސް ނިންމެވީ ހަސަން ހުށަހެޅުއްވި މައްސަލަ މި ވަގުތަށް މަޑުޖައްސާލައި، ފަހުން އަނެއްކާވެސް އެ މައްސަލާގައި ވޯޓަށް އެހުމަށެވެ.

މި ވަގުތު މަޖިލީހުގެ ގިނަ މެންބަރުން އުޅުއްވަނީ ކުރިއަށް މަޖިލިސް އިންތިހާބަށް ކެމްޕެއިނަށް މާލެ އިން ބޭރުގަ އެވެ. ކެމްޕެއިން ދުވަސްވަރު މަޖިލީހުގެ ޖަލްސާތައް މަދު ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އެކަމުގައި ގޯހެއް ނެތް ކަމަށް ވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައި ވެ އެވެ.

އެކަމަކު، އެކަމާ މެދު ޑިމޮކްރެޓްސްގެ މެންބަރުން ތަކުރާރުކޮށް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވެސް ވަޑައިގެންނެވި އެވެ. މަޖިލީހަށް ވަޑައިގެންނެވި ގިނަ މެންބަރުން ވަނީ ރަށްރަށުގެ ސިއްހީ ނިޒާމް ހުރި ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިނިސްޓަރު ވަނީ އެ ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަ ކަމުގެ ޔަގީން ކަން މެންބަރުންނަށް ދެއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ދެ ގަރާރެއްގެ ފުރަތަމަ ކިޔުން އިއްވި އިރު، ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން އީވާ ހުށަހަޅުއްވާފައިވާ ގަރާރަކާ މެދު މިހާރު ގެންދަނީ ބަހުސް ކުރަމުންނެވެ.