28 ފެބުރުއަރީ 2024
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލެއްމުން ދެ ވަނަ ފަހަރަށް އެ ބިލް މިއަދު މަޖިލިހުން ފާސްކޮށްފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލެއްމުން ދެ ވަނަ ފަހަރަށް އެ ބިލް މިއަދު މަޖިލިހުން ފާސްކޮށްފި އެވެ.
އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރުންގެ ވޯޓުންނެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، ރައީސް ތަސްދީގު ނުކުރައްވައި ފޮނުވާލައްވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް ދެ ވަނަ ފަހަރަށް ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމެއް ވާއިރު، އޭގެ އަޣުލަބިއްޔަތަކީ 43 މެންބަރުންނެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލް ތަސްދީގު ކުރުމަށް ރައީސަށް ފޮނުވަން ޖެހެ އެވެ. އެ ބިލް ރައީސަށް ލިބިވަޑައިގަންނަވާތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ އެވެ. ތަސްދީގު ނުކުރައްވާ ނަމަ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެ އެވެ.
ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.
އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، އެ ބިލް ދިރާސާ ކުރަން ކޮމިޓީ އަށް ނުފޮނުވައި މަޖިލީހުން ފާސްކުރަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.
އެ ބިލް ތަސްދީގު ނުކުރަން ރައީސް ނިންމެވީ މައިގަނޑު ފަސް ސަބަބެއްގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ބުނެފައިވެ އެވެ.
1- މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން.
2. އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން.
3. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައިވީ ނަމަވެސް ބިލުގައިވާ ގޮތަށް އިންތިޚާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއް ކަމަށް ވުން.
4. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައިވީ ނަމަވެސް އިންތިހާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.
5. އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހް ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށްވުން
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އޮތީ ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ރޯދަމަހު އިންތިހާބުތައް ނުބާއްވާ ގޮތަށް ގާނޫނަށް އެ އިސްލާހު ގެނައީ ވެސް މަޖިލިސް އިންތިހާބު ފަސްކުރުމަށެވެ. އިދިކޮޅުން ގާނޫނަށް މި އިސްލާހު ގެނައީ، ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާއާ އެކު އިންތިހާބުގެ ތާރީހުތައް ކަނޑައަޅައި ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން އީސީން ތައްޔާރުވެފައި ވަނިކޮށެވެ.
ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ މި އަހަރުގެ އޭޕްރީލް 20 ގަ އެވެ. ރައީސް މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންތިހާބާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި އިންތިހާބު ލަސްނުކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވައިފަ އެވެ.
ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވި ގޮތުގައި ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު
ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ނުޖެހޭ: އެމްޑީޕީ
ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެދުނިން: ރައީސް
އިންތިހާބު ފަސްނުކުރާނެ ކަމުގެ އިޝާރާތެއް!
"މިއަދުން މިއަދަށް ރައީސް ބިލް ތަސްދީގު ކުރަންޖެހޭނެ"
ރައީސް ބޭނުންފުޅުވަނީ ސަރުކާރަށް ހުރަސްނާޅާ މަޖިލީހެއް
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
މަޖިލީހުން ބޭރުކުރި ޑިމޮކްރެޓްސްއަށް ބަނަ ކުރިމަގެއް؟
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"