Roadha Mihaaru
ރައީސް ބޭނުންފުޅުވަނީ ސަރުކާރަށް ހުރަސްނާޅާ މަޖިލީހެއް

ސަރުކާރަށް ހުރަސްނާޅައި، ކަންކަން ފަހިކޮށްދޭނެ މަޖިލީހެއް ބައްޓަންކޮށްދޭން ރައީސް އެދިވަޑައިގެންފި

23 ފެބުރުއަރީ 2024

މި ސަރުކާރުން ކުރާ ކަންކަމަށް ރައްޔިތުންގެ މަޖިލިހުން ހުރަސް އަޅަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި ސަރުކާރުން ނަތީޖާ ނެރެ އަދި ކުރިމަގަށް ކަންކަން ރާވަމުން އަންނައިރު، މަޖިލިސް އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެ މަނިކުފާނުގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އާންމު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރަން 161 ވައުދުވެވަޑައިގެންފައިވާއިރު އޭގެ ތެރެއިން 150 ވައުދުގެ 100 ޕަސެންޓު ހާސިލް ކޮށްފައިވާ ކަމަށެވެ. ބާކީ 11 ވައުދުގެ ވެސް 80 ޕަސެންޓަށް ވުރެ މަތިން ހާސިލް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދަނީ ޕާފޯމް ކުރަމުން، ނަތީޖާ ނެރެދެމުން ރައްޔިތުންގެ ސަޕޯޓާއެކީގައި. މި ގޮތަށް މަސައްކަތް ކުރަމުންދާއިރު ވެސް އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ މަޖިލިހުން ވަޒީރުންނަށް ރުހުން ނުދިނުމާއި އަދި ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމާއި ނޫނިއްޔާ އެހެނިހެން ކަންކަން ކުރުމާއި ސަރުކާރަށް ދުއްތުރާ ކުރާ ކަންކަން، އަސާސެއް ނެތި ކުރާ ތަން ފެންނަނީ،" ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަސާސެއް އޮތް ކަމަށް ވާނީ އަސާސެއް އޮތް ނަމަ. ބޭސިސްއެއް އޮތިއްޔާ."

ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އާންމު މީހެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އާންމު މީހެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ ކަންކަން ވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިޕްލޮމެސީގެ ތެރެއިން ކުރިއަށް ގެންގޮސް އެންމެ ފަހުން ތާރީހުތަކެއް ކަނޑައަޅައި ލެޓާ އޮފް އެކްސްޗޭންޖުގައި ދެ ގައުމުން ސޮއިކޮށްފައިވާ ކަމަށެވެ.

"މި ގޮތަށް ނަތީޖާ ނެރެދެމުން މިދަނީ. އެހެންވީމާ އަސާސެއް ނެތޭ އަޅުގަނޑުމެންނާ ދެކޮޅަށް ކަންކަން ކުރާކަށް. އަސާސެއް ނެތަސް އެ ދަނީ ރައްޔިތުންގެ މަޖިލިހުން ހުރަސް އަޅަމުންނޭ،" ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ޕާޓީ އެމްޑީޕީގެ މެމްބަރުންގެ އަމަލުތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމް އަޑުއަހަން ސަލްޓަންޕާކަށް މިރޭ ދިޔަ ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމް އަޑުއަހަން ސަލްޓަންޕާކަށް މިރޭ ދިޔަ ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ މަނިކުފާނު ވިދާޅުވީ، ރަނގަޅު މަގުން ސަރުކާރުން ކަންކަން ކުރަނިކޮށް، އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ. ރައީސް ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ތާއީދު ނުކުރާ ބައެއްގެ އަތްމައްޗަށް ހިނގައްޖެ ނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށެވެ.