Roadha Mihaaru
ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ނުޖެހޭ: އެމްޑީޕީ

ޖުމްލަ މެންބަރުންގެ އަދަދަށް ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ޖެހޭ ކަމަށް އެމްޑީޕީން ގަބޫލެއް ނުކުރޭ

29 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިޔަސް، މަޖިލީހުގައި މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިޔަސް، މަޖިލީހުގައި މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުގެ ހުކުމްގައި، މަޖިލީހުގެ ގަވައިދަށް ފަހުން ގެނައި އިސްލާހު ނުގެނެވޭނެ އިސްލާހެއް ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް މިހާރު ގުނަމުން ދަނީ އެ މަޖިލީހުގެ ގަވައިދަށް ފަހުން ގެނައި އިސްލާހަކަށް ރިއާޔަތްކޮށެވެ.

"ކޯޓަށް މައްސަލަ ފުރަތަމަ ހުށަހެޅިއިރު މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބަދަލާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު އެއްޗެއް ވިދާޅުވީ. އެހެންނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލާ އެކު މަޖިލީހަށް ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑަށް ހުކުމް މާނަ ކުރެވެނީ،" އީސަ ވިދާޅުވި އެވެ.

"އެހެންވީމަ މިކަމުގައި އެއްވެސް މައްސަލައެއް، މަޖިލީހުގައި ކުރިއަށް ރާވާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ހުރަހެއް އޮތް ކަމަކަށް ނުފެނޭ."

ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމުގެ އެއްވެސް ބާރެއް ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށާއި އެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށް އީސަ ވިދާޅުވި އެވެ.

"އިއްޔެ މަޖިލީހުން އެ ފާސްކުރި ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަކީ ރައިސުލްޖުމްހޫރިއްޔާއަށް މިހާރު އޮތް އިހްތިޔާރެއް ނޫން. މަޖިލީހަށް އޮތް އިހްތިޔާރެއްގެ ދަށުން ގޮތް ކަނޑައަޅައިފި. އެހެންވީމަ އެ ބިލް ތަސްދީގު ކުރަންތޯ ނުވަތަ ނޫންތޯ ގޮތް ނިންމުމަކީ ރައިސުލްޖުމްހޫރިއްޔާއަށް އޮތް އިހްތިޔާރެއް ނޫން،" އީސަ ވިދާޅުވި އެވެ.

ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.

ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ:

- ހުސް ގޮނޑިތައް ނުހިމަނައި ޖުމްލަ މެންބަރުން ގުނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް

- ގާނޫނުއަސާސީ 71 ވަނަ މާއްދާއަކީ ހުސް ގޮނޑި ނުގުނަން ފަހިކޮށްދޭ މާއްދާއެއް ނޫން

- ހުސް ގޮނޑި ނުހިމަނައި ޖުމްލަ މެންބަރުން ގުނުމުގެ ނަތީޖާއަކީ ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ދިޔުން

- ޖުމްލަ މެންބަރުންގެ އަދަދު ގުނާކޮށް ބަދަލުކުރީ މަޖިލީހުގެ ހުދޫދުގެ ބޭރުން

- ފަހުން އިސްލާހު މަޖިލީހުން ބާތިލްކޮށްފައިވާތީ މިކަމުގައި އަޅާނެ ފިޔަވަޅެއް ނެތް

ހުސް ގޮނޑި ނުލައި ޖުމްލަ މެންބަރުން ގުނަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެގޮތަށް އަމަލު ކުރުން ފަސް ކުރަން އަމުރުކޮށްފަ އެވެ. ނަމަވެސް، މަޖިލީހުން އެ އަމުރަށް ތަބާނުވާން ނިންމައި ތަޅުމުން ފާސްކުރީ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަަލައިގެން ކުރިއަށްދާށެވެ. އޭގެފަހުން މަޖިލީހުގެ ގަވައިދުން އެ މާއްދާތައް އުނިކޮށް އަލުން އިތުރު މާއްދާތަކެއް ހަމަ އިސްލާހު އޮތް ގޮތަށް ލިޔުނެވެ.

އެ މާއްދާގެ ދަށުން ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރާ ބިލް ވެސް ވަނީ ރައީސް ތަސްދީގުނުކޮށް ފޮނުވާލުމުން ފާސްކޮށްފަ އެވެ. މިހާތަނަށް ރައީސް އެ ބިލް ތަސްދީގުކޮށްފައިނުވާއިރު، ގާނޫނުއަސާސީއާ ހިލާފަށް މެންބަރުންގެ އަދަދު ގުނައިގެން ނިންމާ ނިންމުންތައް ބަލައިނުގަންނަ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވެސް ވަނީ ބިލް ތަސްދީގު ކުރުމާ އެކު ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ގާނޫނީ ލަފާއަށް އެދިވެޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.