Roadha Mihaaru
މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަނީ

މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އިސްލާހު ކުރަނީ

24 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ސަރުކާރުން އައްޔަން ކުރާ ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންވަރެއްގައި ހިފަހައްޓަން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް އިސްލާހު ހުށަހަޅަން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން މަސައްކަތް ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ސަރުކާރުން އައްޔަން ކުރާ ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންވަރެއްގައި ހިފަހައްޓަން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް އިސްލާހު ހުށަހަޅަން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އެކުގައި މަސައްކަތް ކުރުމަށް ނިންމައި، އެއްބަސްވުމަށްފަހު ދެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވަނީ މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރާ ބައެއް ބިލްތަކުގެ ތަފްސީލް ދެއްވައިފަ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ދައުރަކާ އެކު އިތުރުވަމުން ދާތީ، އެކަން ހައްލު ކުރުމަށް މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

މީގެކުރިން އެ ޕާޓީ އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެފަދަ ބިލެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ތާއިދު އެ ބިލަށް ނުލިބި މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލައިފަ އެވެ.

ހަސަން ލަތީފް ވިދާޅުވީ މިހާރު ގާނޫނުއަސާސީ އޮންނަ ގޮތުން މެންބަރުން އިތުރުވަމުން ދިޔުމަކީ ދެ ޕާޓީން ވެސް ގަބޫލުކުރާ ގޮތެއް ނޫން ކަމަށާއި ދެ ޕާޓީން ވެސް އެއްބަސްވެފައި ވަނީ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓި ތަޅުލެވިފައި އޮންނަން ޖެހޭ ގޮތަށް ކަމަށެވެ. އެހެންވެ، އެ ބިލް މަޖިލީހަށް ހުށަހަޅަން މިހާރު ދެ ޕާޓީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ ބޭފުޅުންގެ އަދަދު އިތުރުވަމުން ދިޔުމަކީ ވެސް ދެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އިސްލާހު ކުރަން ވަނީ ނިންމައިފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އިސްލާހު ކުރަން ވަނީ ނިންމައިފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން 22 މިނިސްޓްރީއެއްގައި މި ވަގުތު ވެސް 154 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. ރައީސް އޮފީހުގައި ނައިބުންގެ ފެންވަރުގައި ތިއްބެވި ނުވަ ބޭފުޅުންނާ އެކު ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 163 އަށް އަރަ އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 20،500ރ. އެވެ. އޭގެ އިތުރުން، 15،500ރ.ގެ އެލަވަންސާއެކު، ޑެޕިއުޓީ މިނިސްޓަރަކަށް މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. އެ ރޭޓުން ބަލާ ނަމަ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އުފެދުނު އާ ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް 69.4 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ހަސަން ލަތީފް ވިދާޅުވީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ ބޭފުޅުން އިތުރުވަމުން ދިޔުމަކީ ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ވަރަށް ބޮޑު މައްސަލައެއް ކަމަށް ފެންނަ ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ހިފެހެއްޓިފައި އޮންނަން ޖެހޭ އަދަދެއް ކަމަށް ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެ ބަދަލު ގެންނަން ގާނޫނުއަސާސީ އަށް އަދި ގާނޫނަކަށް ވެސް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެ ގާނޫނަށް ބަދަލެއް ގެނައުމަށް މަޝްވަރާ ކުރެވުނު،" ހަސަން ވިދާޅުވި އެވެ.

މީގެއިތުރުން އެންޓި ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނެއް ގެނައުމަށް ވެސް ދެ ޕާޓީން މަޝްވަރާ ކުރަމުންދާ ކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި އެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ މިހާރު 55 މެންބަރުންނެވެ. އެއީ މަޖިލީހުން ގާނޫނަކަށް ގެންނަ ބަދަލެއްގެ ބިލް ފާސްކުރުމަށް ބޭނުންވާ މިންވަރުގެ މެޖޯރިޓީއެކެވެ. ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ނަމަ ސަރުކާރު މެންބަރުންގެ ތާއިދު ވެސް ބޭނުންވާނެ އެވެ.