Roadha Mihaaru
އިޒްރޭލު އެމްބަސީގެ ޕޯސްޓެއް ސިންގަޕޫރުން ޑިލީޓްކޮށްފި

އިޒްރޭލު އެމްބަސީގެ ސޯޝަލް މީޑިއާ ޕޯސްޓެއް ސިންގަޕޫރުން ޑިލީޓްކުރުވައިފި

26 މާޗް 2024

ސިންގަޕޫރުގައި ހުންނަ އިޒްރޭލު އެމްބަސީން ފަލަސްތީނާ ގުޅޭ ގޮތުން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއް ޑިލީޓްކުރުވާފައި ވާނެ ކަމަށާއި އެއީ އެ ޕޯސްޓުގެ ސަބަބުން އިތުރު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށް ހޯމް މިނިސްޓަރު ކޭ. ޝަންމުގަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދޭން ފެށި ހަމަލާތައް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާއިރު ޣައްޒާގައި އިންސާނީ ކާރިސާއެއް ވަނީ ފެށިފަ އެވެ.

ޑިލީޓްކުރުވި ޕޯސްޓުގައި އޮތީ ކީރިތި ގުރުއާނުގައި އިޒްރޭލްގެ ނަން 43 ފަހަރު އޮންނަ ކަމަށާއި އެކަމަކު ފަލަސްތީނުގެ ނަން ނޯންނާނެ ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ މިއީ މި ޕޯސްޓް ޖަހާފައި އޮތީ އާދީއްތަ ދުވަހު ކަމަށާއި އެކަން ފޮރިން މިނިސްޓްރީއަށް އެނގުމާ އެކު އެ ޑިލީޓްކުރުމަށް ބުނުމުން ވަގުތުން ޑިލީޓްކޮށްދިން ކަމަށެވެ.

"އިޒްރޭލު އެމްބަސީގެ ސޯޝަލް މީޑިއާ ޕޭޖްގައި އޮތް ޕޯސްޓް ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނެތް. އެކަމާ އަޅުގަނޑު ވަރަށް ކަންބޮޑުވި،" ޝަންމުގަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ މީހުންގެ މެދުގައި ނަފްރަތު އުފެދޭ އަދި އެކަމުގެ ސަބަބުން ސިންގަޕޫރުގެ ސަލާމަތާއި ހަމަޖެހުމަށް ވެސް ނުރައްކާ ވެދާނެ ޕޯސްޓެއް ކަމަށެވެ.

ސިންގަޕޫރަކީ ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރި ގައުމެކެވެ. އަދި ރައްދުގައި އިޒްރޭލުން ދޭ ހަމަލާތައް ވެސް ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ