Roadha Mihaaru
ހަނގުރާމަކުރުމުގެ ގާބިލްކަން އަދިވެސް އެބަހުރި: ހަމާސް

ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ގާބިލްކަން އަދިވެސް ވަރުގަދަ: ހަމާސް

16 ސެޕްޓެމްބަރ 2024

ފަލަސްތީނުގެ ޣައްޒާގައި 11 މަސް ދުވަހު ހަނގުރާމަކޮށްފައި ވާއިރު ލިބުނު ގެއްލުމާ އެކު ވެސް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދެވޭނެ ގާބިލްކަމާއި ވަސީލަތްތައް އަދިވެސް އެބަހުރި ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާގައި 11 މަސް ދުވަހު ހަނގުރާމަކޮށްފައި ވާއިރު ލިބުނު ގެއްލުމާ އެކު ވެސް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދެވޭނެ ގާބިލްކަމާއި ވަސީލަތްތައް އަދިވެސް އެބަހުރި ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"މި ޖަމާއަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ގާބިލްކަން އެބަހުރި،" ތުރުކީގެ އިސްތަންބޫލްގައި އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އުސާމާ ހަމްދާން ވިދާޅުވި އެވެ.

"އެތައް ބަޔަކު ޝަހީދުވެއްޖެ، އެތައް ބަޔަކު ގުރުބާން ވެއްޖެ ... އެކަމަކު އޭގެ ބަދަލުގައި އެތައް ތަޖުރިބާއެއް ލިބި އާ ޖީލެއް މި ޖިހާދާ ގުޅިއްޖެ."

އޭނާ މިހެން ވިދާޅުވެފައި މި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ވަރުގަދަ ހަމަލާތަކެއް ދިން އިރު އޮތް އަސްކަރީ ތަރުތީބު އެ ޖަމާއަތުގެ މިހާރު "އެއްގޮތަކަށް ވެސް ނެތް" ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނެފައި ވަނިކޮށެވެ.

"މިވަރުގެ ބޮޑު އަދި ފުޅާ ހަނގުރާމައެއްގައި [ހަނގުރާމަވެރިން] މަރުވާނެ ކަމަށް ބެލެވޭ ވަރަށްވުރެ މަރުވި މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދު،" ހަމްދާން ވިދާޅުވި އެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،205 މީހަކު މަރާލުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 41،206 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ބުންޏަސް މީގެ ތެރޭގައި ހިމެނޭ ހަނގުރާމަވެރިންގެ އަދަދު ވަކިން ހާމައެއް ނުކުރެ އެވެ.

އުސާމާ ހަމްދާން އޭއެފްޕީއަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ހަމާސްގެ ގާބިލްކަން އަދިވެސް ކުޑަ ނުވާ ކަމަށް. -- ފޮޓޯ: އޭއެފްޕީ

އުސާމާ ހަމްދާން އޭއެފްޕީއަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ހަމާސްގެ ގާބިލްކަން އަދިވެސް ކުޑަ ނުވާ ކަމަށް. -- ފޮޓޯ: އޭއެފްޕީ

މި އިންޓަވިއުގައި ހަމްދާން ވިދާޅުވީ އިޒްރޭލުން ކުރިއަށްގެންދާ ލޭއޮހޮރުވުންތައް ހުއްޓުމަކަށް ގެނައުމުގައި، އިޒްރޭލުގެ އަސްކަރީ ބައިވެރިވާ އެމެރިކާގެ ފަރާތުން އިޒްރޭލަށް އެކަށީގެންވާ ގޮތެއްގައި ޕްރެޝަރު ނުކުރާ ކަމަށެވެ.

"މިކަން ހުއްޓުވަން އެމެރިކާ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި އިޒްރޭލަށް ބާރެއް ނާޅާ،" ހަމްދާން ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި އެމެރިކާއިން ދަނީ އިޒްރޭލުން ބޮލާލައި ޖަހަމުންދާ ވައުދުތައް ދިފާއުކުރަމުން."

ހަމާސް އިން ރަހީނުކުރި އިޒްރޭލުގެ 251 މީހުންގެ ތެރެއިން ބާކީ ތިބި 97 މީހުން ދޫކޮށްލަން އެއްބަސްވާ ނަމަ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރަށް ރައްކާތެރިކަމާ އެކު ޣައްޒާއިން ނުކުމެގެން ދެވޭނެ މަގު ތަނަސްވަކޮށްދޭނެ ކަމަށް އިޒްރޭލުން ބުނެފައި ވާތީ ހަމްދާން ވިދާޅުވީ އޭނާ ޣައްޒާ ދޫކޮށް ވަޑައިގަންނަވާނެ ހާލަތެއް ނާންނާނެ ކަމަށެވެ.

"[ސިންވާރް އާއި އެހެން ލީޑަރުން] ޣައްޒާ ދޫކޮށް ދިއުމަށް ވުރެ އެ ބިމުގައި އެތައް ހާސް ފަހަރަކު ވެސް ޝަހީދުވުމަށް ވެސް އެ ތިއްބެވީ ތައްޔާރަށް. ސަބަބަކީ އެ ބޭފުޅުން ހުރިހާ ކަމެއް ވެސް އެ ކުރައްވަނީ ފަލަސްތީނު މިނިވަންކުރުމަށްޓަކައި ކަމަށް ވާތީ،" ހަމްދާން ވިދާޅުވި އެވެ.

އިޒްރޭލުން ބުނަމުންދަނީ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި މިސްރާއި ގަތަރުން ކުރާ މަސައްކަތުގައި އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ހަމާސްގެ ސަބަބުން ކަމަށެވެ. -- އޭއެފްޕީ