Roadha Mihaaru
ޝަހީދުވި މީހެއްގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތުން

ޣައްޒާގައި ޝަހީދުވި މީހެއްގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތްކޮށްފި

21 ޖުލައި 2024

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ވައިގެ މަގުން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މާބަނޑު މީހެއްގެ ބަނޑުގައި އޮތް ދަރިފުޅު، އެ މީހާގެ ފުރާނަ ދިޔަ ފަހުން ނަގައި ސަލާމަތްކޮށްފި އެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ވައިގެ މަގުން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މާބަނޑު މީހެއްގެ ބަނޑުގައި އޮތް ދަރިފުޅު، އެ މީހާގެ ފުރާނަ ދިޔަ ފަހުން ނަގައި ސަލާމަތްކޮށްފި އެވެ.

ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ބުނި ގޮތުގައި ބަނޑަށް ނުވަ މަސް ފުރިފައި އިން އާލާ އަދުނާނީ ހަރްބުލް ކުރްދު ޝަހީދުވީ ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ނުސައިރަތު ރެފިއުޖީ ކޭމްޕް ސަރަހައްދަށް ދިން ހަމަލާއެއްގަ އެވެ. އާލާގެ ގެޔަށް ދިން ހަމަލާގައި އޭނާ ޝަހީދުވި ފަހުން ހޮސްޕިޓަލަށް ގެންދެވުނީ އަނެއް ދުވަހު އެވެ.

މާބަނޑު އަންހެންމީހާ އިމަޖެންސީގައި ގެނައިތަން ފެނުމާ އެކު އިމަޖެންސީ ޑިޕާޓްމަންޓުގެ ޑޮކްޓަރުން އޭނާއަށް ސަމާލުކަންދީ ފަރުވާގެ ކަންކަން އަވަސްކުރި ކަމަށް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓުގެ ވެރިޔާ ރާއިދު އަލް ސައުދީ ވިދާޅުވި އެވެ.

ސާޖަންއެއް ކަމަށްވާ އަކްރަމް ހުސައިން އޭއެފްޕީއަށް ވިދާޅުވީ އާލާ ހޮސްޕިޓަލަށް ގެނައި އިރު ވެސް "ފުރާނައެއް ނެތް" ކަމަށެވެ. އުމުރުން ވިއްސަކަށް އަހަރުގެ މަންމަގެ ފުރާނަ ސަލާމަތް ނުކުރެވި މާޔޫސްކަން ލިބުނު ވަގުތު ޑޮކްޓަރުންނަށް ލިބެންފެށީ ހިތު ވިންދެއްގެ އަޑު ކަމަށާއި އެހެންވެ، މާބަނޑު މީހުންގެ ޑޮކްޓަރުންނާއި ސާޖަނުންނަށް ގޮވައި ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ފެށި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"އިމަޖެންސީގައި ސިޒޭރިއަން ހަދައި، ބަނޑުން ދަރިފުޅު ނެގީ،" ސައުދީ ވިދާޅުވި އެވެ.

މަންމަގެ ބަނޑުން ލިބުނު ހިމާޔަތުގައި ސަލާމަތްވި ފިރިހެން ކުއްޖާއަށް މާލިކް ޔާސީންގެ ނަން ވަނީ ދީފަ އެވެ.

ސިއްހީ އެހީތެރިން ބުނި ގޮތުގައި އާލާ އަކީ ބުރާސްފަތި ދުވަހުން ފެށިގެން މެދުނުކެނޑި 24 ގަޑިއިރު ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި 30 މީހުންގެ ތެރެއިން މީހެކެވެ. މިހަމަލާތަކާތަކުގައި އެއް އާއިލާއަކުން ހަ މީހަކު ވެސް ޝަހީދުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އަލް އަވާދާ ހޮސްޕިޓަލުން ބުނީ އާލާ ޝަހީދުވި ހަމަލާ އަމާޒުކުރި ސަރަހައްދުން ހަތަރު ކުޑަކުއްޖަކު ވެސް ޒަހަމްވި ކަމަށެވެ. އެ ކުދިން ޒަހަމްވީ ގޭގެ ޓެރަހުގައި ކުޅެން އުޅެނިކޮށް އިޒްރޭލުން މިސައިލް ހަމަލާ ދިނުމުން ކަމަށާއި ޒަހަމްވި އެއް ކުއްޖެއްގެ ގުނަންތައް ބުރިކުރަން ޖެހުނު ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

މިސައިލް ހަމަލާގައި އާލާގެ ފިރިމީހާ ވެސް ޒަހަމްވި ފަރުވާ ދޭން ޖެހިފައިވެ އެވެ.

ބަނޑުން ނަގައި ސަލާމަތްކުރި ކުއްޖާގެ ހާލު ވަރަށް ގޯސްވި ކަމަށާއި އެކަމަކު ފަހުން އޮކްސިޖަން ދީ އަދި އެހެން ބައެއް ފަރުވާތަކާ އެކު މިހާރު ހަމަޔަކަށްއެޅިފައިވާ ކަމަށް ސައޫދީ ވިދާޅުވި އެވެ.

ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާރު ހޮސްޕިޓަލްތަކުން ލިބެން އޮތީ އެންމެ 1،500 އެނދު ކަމަށާއި ހަނގުރާމައިގެ ކުރިން 3،500 އެނދު ހުރި ކަމަށް އދ. އިން ބުނެފައިވެ އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ނުވަ މަސް ވެފައި ވާއިރު 38،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި އިޒްރޭލުން ދަނީ ހޮސްޕިޓަލްތަކަށް ހަމަލާދީ ހިސާރުކޮށް އަދި އެ ތަންތަނަށް ބޭނުންވާ ސަމާނު ހޯދުމަށް ވެސް ހުރަސްއަޅަމުންނެވެ. -- އޭއެފްޕީ