Roadha Mihaaru
ޣައްޒާގެ ދެ ސްކޫލަކަށް ހަމަލާދީ ބަޔަކު ޝަހީދުކޮށްލައިފި

ހަމާސްގެ ކޮމާންޑް ސެންޓަރެއް ކަމަށް ބުނެ އަނެއްކާވެސް ދެ ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްފި

08 އޯގަސްޓް 2024

ހަމާސް ޖަމާއަތުގެ ކޮމާންޑް ސެންޓަރުތަކެއް ކަމަށް ބުނެ އިޒްރޭލުން އަނެއްކާވެސް ޣައްޒާގެ ދެ ސްކޫލަކަށް ހަމަލާ ދިނުމުން އެތައް ބަޔަކު ޝަހީދުވެއްޖެ އެވެ.

ހަމާސް ޖަމާއަތުގެ ކޮމާންޑް ސެންޓަރުތަކެއް ކަމަށް ބުނެ އިޒްރޭލުން އަނެއްކާވެސް ޣައްޒާގެ ދެ ސްކޫލަކަށް ހަމަލާ ދިނުމުން އެތައް ބަޔަކު ޝަހީދުވެއްޖެ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސުން ބުނީ އައް ޒަހްރާ ސްކޫލާއި އަބްދުލްފައްތާހް ހަމޫދު ސްކޫލަށް ދިން ބޮމުގެ ހަމަލާތަކުގައި މިއަދު މަދުވެގެން 18 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

"އިސްތިއުމާރީ އިޒްރޭލުން ވަނީ ދެ ސްކޫލަކަށް ހަމަލާދީ މަދުވެގެން 18 މީހަކު ޝަހީދުކޮށްލާފައި،" ސިވިލް ޑިފެންސް ފޯސްގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލް މުގައްޔިރް އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދެ ހަމަލާގައި 60 މީހަކު ޒަހަމްވެފައިވެ އެވެ.

އިޒްރޭލުން މިއަދު ސްކޫލަކަށް ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކު އާއިލާގެ މީހަކާ އެކު ހޮސްޕިޓަލްގައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން މިއަދު ސްކޫލަކަށް ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކު އާއިލާގެ މީހަކާ އެކު ހޮސްޕިޓަލްގައި. -- ފޮޓޯ: އޭއެފްޕީ

މި މަހުގެ ހަތަރު ވަނަ ދުވަހު ވެސް އިޒްރޭލުން ވަނީ ހަމާސްގެ ކޮމާންޑް ސެންޓަރުތައް ކަމަށް ބުނެ ދެ ސްކޫލަކަށް ހަމަލާ ދީފަ އެވެ. އިޒްރޭލުން ބުނީ ހަމަލާ ދިނީ ސްކޫލްގެ ގޯތިތެރޭގައި ހަމާސްއިން ކޮމާންޑް ސެންޓަރު ހަދައި ހަމަލާތައް ރާވައި ހަތިޔާރު އުފެއްދުން ފަދަ ކަންކަން ކުރާ ތަންތަނަށް ކަމަށެވެ. އެކަމަކު އެ ސްކޫލުތައް ހިންގާ އދ.ގެ އިދާރާތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިޒްރޭލުން މީގެ ކުރިން ވެސް އެތައް ސްކޫލަކަށް ހަމަލާ ދީފައި ވާއިރު ޣައްޒާގެ ގިނަ ސްކޫލްތަކަކީ މީގެ 11 މަސް ކުރިން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައިޖެހިފައި ތިބި މީހުންނަށް ހިޔާވަހިކަން ދޭ ތަންތަނެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ 1،197 މީހުން މަރާލައި 251 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،699 މީހަކު ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ