Roadha Mihaaru
ޣައްޒާގައި ގެޔަކަށް ހަމަލާދީ 11 މީހަކު ޝަހީދުކޮށްފި

ޣައްޒާގައި މީހުން ހިމާޔަތް ހޯދާ ގެޔަކަށް ހަމަލާދީ 11 މީހަކު ޝަހީދުކޮށްލައިފި

14 ސެޕްޓެމްބަރ 2024

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައި ތިބި އެތައް ހިމާޔަތް ހޯދަމުން ދިޔަ ގެޔަކަށް އިޒްރޭލުން ރޭގެ ވަގުތެއްގައި ހަމަލާދިނުމުގެ ސަބަބުން 11 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މިއަދު ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައި ތިބި އެތައް ހިމާޔަތް ހޯދަމުން ދިޔަ ގެޔަކަށް އިޒްރޭލުން ރޭގެ ވަގުތެއްގައި ހަމަލާދިނުމުގެ ސަބަބުން 11 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މިއަދު ބުނެފި އެވެ.

"ބުސްތާން އާއިލާ އުޅޭ ތިން ބުރީގެ ގެޔަަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު 11 ޝަހީދެއްގެ ހަށިގަނޑު ވަނީ ފެނިފައި. އޭގެތެރޭގައި ހަތަރު ކުޑަކުދިންނާއި ތިން އަންހެނުން ވެސް ހިމެނޭ،" ސިވިލް ޑިފެންސް އެެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާދީފައިވަނީ މެންދަމު 1:00 ހާއިރު ކަމަށާއި ހަމަލާދިން ގެ ހުންނަނީ ސްކޫލެއްގެ ކައިރީގައި ކަމަށެވެ.

"އެއްވެސް އިންޒާރެއް ކުރިން ދިނުމަކާނުލައި މިސައިލަކުން ހަމަލާދިން އެ ގެޔަކީ އެތައް އާއިލާއެއް ހިމާޔަތް ހޯދަމުން ދިޔަ ތަނެއް،" ހަމަލާގައި އެތައް ބަޔަކު ޒަހަމް ވެސް ވެފައިވާކަން ފާހަގަކުރައްވަމުން ބައްސާލް ވިދާޅުވި އެވެ.

ކުރިން ނެރުނު ބަޔާނެއްގައި އެ އެޖެންސީން ބުނެފައިވާ ގޮތުގައި ގޭގައި ތިބި ބައެއް މީހުންނަށް ވީގޮތެއް ނޭނގޭތީ އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އިޒްރޭލުން ޣައްޒާގައި ރޭ މިފަދަ އެތައް ހަމަލާއެއް ދީފައިވާ ކަމަށް ވެސް ބައްސާލް ވިދާޅުވި އެވެ. އެ ހަމަލާތަކުގައި 10 މީހަކު ޝަހީދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 41،118 އަށް އަރައިފަ އެވެ. -- އޭއެފްޕީ