Roadha Mihaaru
"ޣައްޒާގައި ޔަގީންވާ ހަމައެކަނި ކަމަކީ މަރު"

ޣައްޒާގައި ޔަގީންވާ ހަމައެކަނި ކަމަކީ މަރު: އދ.ގެ އޮފިޝަލް

21 އޯގަސްޓް 2024

އިޒްރޭލުން ހުއްޓާނުލައި ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާގައި އުޅޭ 2.4 މިލިއަން މީހުންނަށް ޔަގީންވާ ހަމައެކަނި ކަމަކަށް މިހާރު ވެފައި އޮތީ މަރު ކަމަށް ވިދާޅުވެ އެތަނުގެ ރައްޔިތުން ތިބި ހާލަތާ ބެހޭ ގޮތުން އދ.ގެ އޮފިޝަލަކު ވާހަކަ ދައްކަވައިފި އެވެ.

އިޒްރޭލުން ހުއްޓާނުލައި ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާގައި އުޅޭ 2.4 މިލިއަން މީހުންނަށް ޔަގީންވާ ހަމައެކަނި ކަމަކަށް މިހާރު ވެފައި އޮތީ މަރު ކަމަށް ވިދާޅުވެ އެތަނުގެ ރައްޔިތުން ތިބި ހާލަތާ ބެހޭ ގޮތުން އދ.ގެ އޮފިޝަލަކު ވާހަކަ ދައްކަވައިފި އެވެ.

"އެތަނުގައި އިހުސާސްކުރެވެނީ މީހުން ތިބެނީ މަރުގެ އިންތިޒާރުގައި ކަމަށް. އެ ތިބި ހާލަތުގައި އެ މީހުންނަށް ޔަގީންވާ ހަމައެކަނި ކަމަކީ މަރު ކަމަށް ވަނީ ވެފައި،" އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށް އުފައްދާފައިވާ ޖަމިއްޔާގެ ތަރުޖަމާނު ލުއީ ވޯޓަރިޖް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ރެފިއުޖީންނަށް އެހީވާ، އަންރުވާގެ އޮފިޝަލް މިދިޔަ ދެ ހަފްތާގައި އުޅުއްވީ ޣައްޒާގަ އެވެ. އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ އެ ސަރަހައްދުގައި ފުރާނައިގެ ޔަގީންކަމެއް އެއްވެސް ގޮތަކަށް ނެތި ބިރުވެރި ހާލަތުގައި މީހުން އުޅެމުންދާ ގޮތާއި ނުރައްކާތެރި ބަލިތައް އާންމުވަމުންދާ ގޮތް އޭނާ އަށް ވަނީ ތަޖުރިބާކުރެއްވިފަ އެވެ.

"ރައްކާތެރިކަން އޮތް އެއްވެސް ތަނެއް ޣައްޒާއަކު ނެތް. މިއީ ހިތްދަތި ތަޖުރިބާއެއް،" އިޒްރޭލުން ވައިގެމަގުން އާންމުކޮށް ހަމަލާދޭ ޣައްޒާގެ މެދުތެރޭގެ ނުސައިރަތު ސަރަހައްދުގައި ހުންނަވައިގެން ވޯޓަރިޖް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލިތައް ކޮންޓްރޯލްކުރުމާއި ސާފުތާހިރުކަން ކަށަވަރުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"މީގެ އެއް ސަބަބަކީ އިޒްރޭލުން ޣައްޒާ އެއްކޮށް ހިސާރުކޮށްފައި އޮތުން،" ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން އެއްގަމާއި ކަނޑާއިވައިގެ މަގުން ދޭން ފެށި ހަމަލާތަކުގައި ޣައްޒާ ވަނީ ބިމާހަމަކޮށްލައިފަ އެވެ. އެ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ