Roadha Mihaaru
އޮކްޓޫބަރު 7ގެ ހަމަލާގައި އދ.ގެ ނުވަ މީހަކު ހިމެނޭ

އޮކްޓޫބަރު 7 ގެ ހަމަލާގައި ނުވަ މުވައްޒަފަކު ބައިވެރިވި ކަމަށް ބެލެވޭ: އދ

06 އޯގަސްޓް 2024

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި، ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށް އުފައްދާފައިވާ އދ.ގެ އެޖެންސީ "އުންރުވާ" ގެ ނުވަ މުވައްޒަފަކު ބައިވެރި ވެފައިވާ ކަމަށް ބެލެވޭ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި، ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށް އުފައްދާފައިވާ އދ.ގެ އެޖެންސީ "އުންރުވާ" ގެ ނުވަ މުވައްޒަފަކު ބައިވެރި ވެފައިވާ ކަމަށް ބެލެވޭ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.

އދ. އިން މިހެން ބުނީ އިޒްރޭލުގެ ހާހަކަށްވުރެ ގިނަ މީހުން މަރާލި އަދި މިހާރު އިޒްރޭލުން ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގެ ފެށުން ކަމަށް ވެފައިވާ ހަމަލާގައި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އުންރުވާ) ގެ މުވައްޒަފުންތަކެއް ބައިވެރިވި ކަމަށް އިޒްރޭލުން ތުހުމަތުކުރާތީ ކުރި ތަހުގީގަށް ފަހުގަ އެވެ.

"މި މުވައްޒަފުން އެކަމުގައި ބައިވެރިވި ކަމުގެ އެކަށީގެންވާ މައުލޫމާތު ލިބިފައި އެބަހުރި. އެހެންވެ އެ މައުލޫމާތަށް ބިނާކޮށް ފިޔަވަޅު އަޅަން ވަނީ ނިންމާފައި. އެއީ އެ ނުވަ މުވައްޒަފުން ވަޒީފާއިން ވަކިކުރުން،" އދ.ގެ ތަރުޖަމާނު ފަރްހާން ހައްގު ވިދާޅުވި އެވެ.

އިޒްރޭލަށް ހަމާސް އިން ހަަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމުގައި އުންރުވާގެ 12 މީހަކު ބައިވެރިވާ ކަމަށް އިޒްރޭލުން ތުހުމަތުކުރުމާ އެކު އުންރުވާ އަށް ފަންޑުކުރުން އެތައް ގައުމަކުން ހުއްޓާލި އެވެ. އެކަމަކު ފަހުން ވަނީ ބައެއް ގައުމުތަކުން އަލުން އެހީ ދޭން ފަށައިފަ އެވެ.

އުންރުވާ އަކީ އިޒްރޭލުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް މަސައްކަތްކުރާ ބައެއް ކަމަށް ބުނެ އިޒްރޭލުން ތުހުމަތުތައް ކުރެ އެވެ. މިފަހަރު ކުރި ތުހުމަތާ އެކު، އުންރުވާގެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު ދެމުން އިޒްރޭލުން ވަނީ އުންރުވާ ނޫން އެހެން ބަޔަކު ލައްވައި އެހީގެ މަސައްކަތް ކުރުމަށް ބުނެފަ އެވެ. އެކަމަކު އދ. އިން ބުނެފައިވަނީ ފަލަސްތީނުގެ ހާލަތު އެއަށްވުރެ ރަނގަޅަށް އެނގޭނެ ޖަމާއަތެއް ނޯންނާނެ ކަމަށާއި އެ މަސައްކަތް އެގޮތަށް އެހެން ބަޔަކަށް ނުވެސް ކުރެވޭނެ ކަމަށެވެ.

އިޒްރޭލުން ހަމާސްގެ ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި 39،000 މީހަކު ޝަހީދު ވެފައި ވާއިރު އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެ މީހުންނަށް އެހީވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރަނީ އުންރުވާގެ މުވައްޒަފުންނެވެ. -- އޭއެފްޕީ