Roadha Mihaaru
އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް

އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް އަރައިފި

24 މާޗް 2024

މި އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވެ އެވެ. ނަމަވެސް އެ މިންވަރަށް ހޫނުގަދަވީ މިދިޔަ އަހަރު އެޕްރީލް މަހު އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެ 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.4 ޑިގްރީ ސެލްސިއަސްގަ އެވެ. ހދ. ހަނިމާދޫގައި 41 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ސ. ގަމަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 40.1 ޑިގްރީ ސެލްސިއަސްގަ އެވެ.

މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މައްޗެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސް އާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދު އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު 34.6 ޑިގްރީ ސެލްސިއަސް އަށެވެ.

މިއީ ރާއްޖެއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

• ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑު ވަގުތުތަކުގައި އެކަން ކުރުން.

• އަވީގައި އުޅޭ ވަރު މަދުކުރުން.

• ކަރު ހިއްކާ ނަމަ ގިނައިން ފެން ބުއިން.

• ހަކުރު އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން.

• ބޭރަށް ނުކުންނަ ނަމަ އަވިން ރައްކާތެރިވުމަށް ޔޫވީ ފިލްޓާ އައިނެއް އެޅުމާއި ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި އަދި ގަޔަށް ދޫހެދުން ލުން.