Roadha Mihaaru

އިހުސާސްކުރެވޭ ހޫނުމިން މިދިޔަ ހަފްތާގައި 35 ޑިގްރީން މަތީގައި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އިހުސާސްކުރެވޭ ހޫނުމިން މިދިޔަ ހަފުތާގައި އެވްރެޖުކޮށް ހުރީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.

މިދިޔަ ހަފުތާ އެއްކޮށް ހޫނުމިން 35 ޑިގްރީން މަތީގައި
އިފްރާޒް އަލީ
އިފްރާޒް އަލީ

24 ޖޫން 2025

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އިހުސާސްކުރެވޭ ހޫނުމިން މިދިޔަ ހަފުތާގައި އެވްރެޖުކޮށް ހުރީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

މެޓް އޮފީހުގެ ރެކޯޑުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ އަންގާރައިން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް ހުރީ 35-39 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

މިދިޔަ ހަފުތާގައި އެންމެ ހޫނުގަދަވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ ސަރަހައްދަށެވެ. އެ ދުވަހުގެ ހެނދުނު 11:00 ގައި، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 38.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެ އެވެ.

ރާއްޖޭގެ އާންމު ހޫނުމިން މިދިޔަ ހަފުތާގައި އުޅެނީ އެވްރެޖުކޮށް 24-34 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

ނަމަވެސް، މެޓް އޮފީހުގެ ރެކޯޑުތަކަށް ބަލާއިރު އިހުސާސްކުރެވޭ ހޫނުމިން މިދިޔަ އަހަރު އެންމެ މައްޗަށް ދިޔަވަރާ ގަތަށް ވެސް މި އަހަރު އަދި ނުދެ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. އެކަމަކު، މި އަހަރު އަދި އެންމެ ދުވަހަކު ވެސް އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ނުދެ އެވެ.

އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.