Roadha Mihaaru
މިއީ މާލެއަށް މިހާތަނަށް އެންމެ ހޫނު ދުވަސް

މިއީ މިހާތަނަށް އެންމެ ހޫނު ދުވަސް؛ އިހުސާސްކުރެވޭ ހޫނުމިން 46 ޑިގްރީން މައްޗަށް

03 އެޕްރީލް 2024

މާލެ ސަރަހައްދަށް އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދަށް އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.

މިއީ އިހުސާސް ކުރެވޭ ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. އަދި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްތަކުގައި އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް އެންމެ މަތީގައި ހުރީ 44 ޑިގްރީ ސެލްސިއަސްގަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދު 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 46.3 ޑިގްރީ ސެލްސިއަސްގަ އެވެ. ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން 41.9 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ގދ. ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.6 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ސ. ގަމުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގަ އެވެ.

ޓީޖެޓީ ސަރަހައްދުގައި މުދާ އަރުވަން މަޑުކޮއްގެން އޮތް ޕިކަޕެއްގައި ތިބި ބިދޭސީން ހޫނުގަދަކަމުން ކުޑަ ނަގައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޖެޓީ ސަރަހައްދުގައި މުދާ އަރުވަން މަޑުކޮއްގެން އޮތް ޕިކަޕެއްގައި ތިބި ބިދޭސީން ހޫނުގަދަކަމުން ކުޑަ ނަގައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.

މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މައްޗެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ އެވްރެޖުކޮށް 30 ޑިގްރީ ސެލްސިއަސް އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދު އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު 34.6 ޑިގްރީ ސެލްސިއަސް އަށެވެ.