Roadha Mihaaru
މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފިން: ސަރުކާރު

ޝާހިދުގެ ވާހަކަތައް ދޮގުކޮށް ސަރުކާރުން ބުނީ މަޝްރޫއުތަކަށް ބިލިއަނެއް ހަރަދުކޮށްފި ކަމަށް

23 މާޗް 2024

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން އެހެން ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވީ ނަމަވެސް މިހާރުގެ ސަރުކާރަށް މި އަހަރުގެ އެ މުއްދަތުގައި ހަރަދު ކުރެވުނީ އެންމެ 300 މިލިއަން ރުފިޔާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނީ، މި ސަރުކާރުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރި ވަރު މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު މަދުވެފައި ވިޔަސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ހިސާބު ދޮގު ކަމަށެވެ.

"ދެހާސް ތޭވީހުގައި އަދަދު ބޮޑުވީ ބޭކާރު ހަރަދު ބޮޑުކޮށް، މަޝްރޫއުތައް ހިންގުމުން،" އެ އޮފީހުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް މ. ރަތްމަންދު އަށް ވަޑައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ 90 ވަރަކަށް ޕަސެންޓު ނިމިފައިވާ ކަމަށެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައިސް އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ސޮއި ކުރިތާ ދެ އަހަރު ވީއިރު ކުރެވިފައި ވަނީ އެންމެ 26 ޕަސެންޓް މަސައްކަތް،"--- މުއްތޮލިބު

އޭނާ ވިދާޅުވި ގޮތުގައި ރަތްމަންދޫގެ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް މި ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ.

ނަމަވެސް މި ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންސްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ވާހަކަ ދޮގުކުރެއްވި އެވެ. ވިދާޅުވީ، ރަތްމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓުނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުގައި ކަމަށެވެ.

"ސޮއި ކުރިތާ ދެ އަހަރު ވީއިރު ކުރެވިފައި ވަނީ އެންމެ 26 ޕަސެންޓް މަސައްކަތް،" މުއްތޮލިބު ވިދާޅުވި އެވެ.

ސަރުކާރުން ބުނީ، ރަތްމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުގެ އަގަކީ 39 މިލިއަން ރުފިޔާ ކަމަށް ވިޔަސް އެމްޑީޕީގެ ސަރުކާރުން ބަޖެޓްކުރީ 3.3 މިލިއަން ރުފިޔާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވި ގޮތުގައި، ފެނަކައިގައި މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެ ކުންފުންޏާ ހަވާލު ކުރުމަކީ އެ ރަށްތަކުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ އިހުމާލެއް ކަމަށެވެ.

ރަތްމަންދޫގައި އިމާރާތްކުރާ ފެނަކައިގެ އާ އިންޖީނުގޭގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައި ވިޔަސް މި ސަރުކާރުން ބުނިގޮތުގައި ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖުލައި 12، 2023 ގައި އެ މަސައްކަތުގެ އެއްބަސްވުން ވެސް ވަނީ އުވާލައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަލުން ފަށަަމުން އަންނަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވުމުން އެ މަޝްރޫއުތައް ހުއްޓުނު ކަމަށެވެ. އެ މަޝްރޫއުތައް ހުއްޓުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެކި ކުންފުނިތަކަށް ފައިސާ ނުދީ ހުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރަށެއްގައި ނަރުދަމާގެ މަސައްކަތެއް އޮވެދާނެ ހުއްޓިފައި. އަޅުގަނޑުމެން ހުއްޓާލީކީއެއް ނޫނޭ. އެކަމަކު އެ ފައިސާ އެ ކުންފުންޏަށް ނުދޭތީ އެ މީހުންނަށް މަސައްކަތް ނުކުރެވިގެން ހުއްޓިފައި. ދެން އަޅުގަނޑުމެން މި ކުރާ ކަމަކީ އެހެން ދައްކަން ހުރި ބިލްތައް ދައްކައި އެ މީހުން އަލުން މަސައްކަތަށް ގެންނަނީ. މޮބިލައިޒް ކުރަނީ،" ރައީސް ވިދާޅުވި އެވެ.

"އެގޮތަށް މިހާރު ވަރަށް ގިނަ ރަށްތަކުގެ މަސައްކަތް ފެށިއްޖެ."