Roadha Mihaaru
އާސަންދައިން އައިވީއެފް ހެދުމަށް ފުރުސަތު ހުޅުވާލައިފި

އާސަންދައިގެ ދަށުން އައިވީއެފް ހެދުމަށް ފުރުސަތު ހުޅުވާލައިފި، މި އަހަރު 100 ދެމަފިރިންނަށް

16 މާޗް 2024

އާސަންދަ ސްކީމްގެ ދަށުން އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާސަންދަ ސްކީމްގެ ދަށުން އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމް ހަދާ އެންސްޕާއިން ކުރި އިއުލާނެއްގައި ބުނީ "އައިޔޫއައި" އާއި "އައިވީއެފް"ގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ދިނުމަށް، އައިވީއެފް އާއި އައިޔޫއައި ފަރުވާގެ ހަރަދުކުރުމަށް ދަތިވާ މީހުންނަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އާއި އައިޔޫއައި ފަރުވާ ކުރުމަށް ބޭނުންވާ މީހުންނަށް ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މި އަހަރު އައިވީއެފް ހެދުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

އެންސްޕާއިން ބުނި ގޮތުގައި، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފްގެ ފަރުވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ހެދޭނެ އެވެ.

އާސަންދަ ސްކީމްގެ ދަށުން އައިވީއެފް ހެދޭނީ ތިން ބުރަށް ކަމަށް ކަނޑައަޅައި، އެ އެހީ ދިނުމާ ގުޅޭ ވަރުގަދަ އުސޫލެއް ހަދައި، މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ އައިވީއެފްގެ ފަރުވާއާ ގުޅޭ ކަންކަން

- އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވުން.

- ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ކަހަލަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވުން. އައިވީއެފް އަކީ އެ ދެ މީހުންނަށް އެންމެ އެދެވިގެންވާ ފަރުވާ ކަމަށް ކަމާ ގުޅޭ ސްޕެޝަލިސްޓެއް ލަފާ ދިނުން.

- އައިވީއެފް ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 30-41 އަހަރުގައި ހުރުން. ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައިނުވުން. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، ދިމާވާ ސިއްހީ ހާލަތަކާ ހެދި އައިވީއެފް ހެދުމަކީ އެންމެ އެދެވިގެންވާ ފަރުވާ ކަމަށް ކަމާ ގުޅޭ ސްޕެޝަލިސްޓެއް ލަފާދީފައިވާ ނަމަ އަދި އެ އެހެން ޝަރުތުތައް ފުރިހަމަވާ ނަމަ އެހީއަށް ހުށަހެޅޭނެ.

- އެހީއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުރުން.

- އެހީ ހޯދާ ދެމަފިރިން އެހީއަށް އެދުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން.

- އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ބުރު ފުރިހަމަކޮށްފައިނުވުން.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އުސޫލު ހަދާފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ބަލައިގެންނެވެ. އަދި އެކަމުގައި ރާއްޖޭގެ ޓެކްނިކަލް އަދި ފަންނީ ބޭފުޅުންނާއި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ފުރިހަމައަށް ބައިވެރިވެފައިވެ އެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.