Roadha Mihaaru

ސަބްސިޑީ، ޕެންޝަންގެ އުސޫލު ބަދަލުކުރުމުގެ ވިސްނުން ދޫކޮށްލައި، އިގުތިސާދީ ރިފޯމް އެޖެންޑާއަށް ބަދަލެއް!

ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅިގެން، ސަރުކާރުން އަމަލުކުރަމުންދާ އިސްލާހީ އެޖެންޑާއަށް ބޮޑު ބަދަލެއް ގެނެސް، ސަބްސިޑީ އާއި ޕެންޝަން ދިނުމުގެ އުސޫލު ބަދަލުކުރުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

އިގުތިސާދީ ރިފޯމް އެޖެންޑާއަށް ބަދަލެއް!

ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅިގެން، ސަރުކާރުން އަމަލުކުރަމުންދާ އިސްލާހީ އެޖެންޑާއަށް ބޮޑު ބަދަލެއް ގެނެސް، ސަބްސިޑީ އާއި ޕެންޝަން ދިނުމުގެ އުސޫލު ބަދަލުކުރުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް، ސަބްސިޑީ އާއި އާސަންދަ އަދި ޕެންޝަން ފަދަ ވެލްފެއާ ކަންކަން ހަރުދަނާކޮށް، އިސްރާފުތައް ކުޑަކުރުމާ އެކު އާބާދީގެ އެންމެ ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން މި އަހަރު ގާތްގަނޑަކަށް 8 ބިލިއަނެއްހާ ރުފިޔާ ބަޖެޓުން ސަލާމަތް ކުރަން ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، އަހަރުގެ ފަސް ވަނަ މަސް ފެށިގެން ދިޔައިރު ވެސް، އެކަމަކުގެ އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ. ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމި ނިންމުން ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އިސްލާހީ އެޖެންޑާގައި ހިމެނޭ މަސައްކަތްތައް ލަސްވުމާ ގުޅޭގޮތުން، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި އެޖެންޑާގައި ހިމަނާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން އަޅަން ބޭނުންވާ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

އޭގެ ތެރޭގައި، އާސަންދައިގެ ތެރެއިން ނިޒާމީ ސިފައެއްގައި ހިނގާ އިސްރާފުތަކަށް ހައްލުކޮށް، ބޭހަށް ކުރާ ހޭދަ ކުޑަކުރަން މިހާރު އަޅަމުންދާ ފިޔަވަޅުތައް ރައީސް ފާހަގަކުރެއްވި އެވެ.

"އެކަމަކު ދެން ހުރި ކަންކަމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" އެ މަނިކުފާނު ހާމަކުރެއްވި އެވެ.

ނަމަވެސް، މިހާރު ކުރިއަށް ނުގެންދަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްސީލެއް ރައީސް ވެސް އަދި ފިނޭންސް މިނިސްޓްރީން ވެސް އަދި ހާމައެއް ނުކުރެ އެވެ.

އެ ފިޔަވަޅުތަކުގެ ބަދަލުގައި، އެ އަދަދުތައް ބަޖެޓުން ސަލާމަތް ކުރާނީ، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރަށް ސަރުކާރުން ރާވާފައިވާ 2،000 އަށް ވުރެ ގިނަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ، ޕްރޮފިޓް މާޖިން ކުޑަކޮށް ހަވާލުކޮށްގެންނެވެ.

"މިސާލަކަށް ބަނދަރެއް ހަދަންޏާ ޖަހާފާނެ، ޕްރޮފިޓަށް ލާންވާ ބައި ލާފަ މިސާލަކަށް 50 މިލިއަން. އެކަމަކު އަޅުގަނޑުމެން އެޓް ކޮސްޓުގަ ނޫނީ ނިޔާލީ އެޓްކޮސްޓްގަ ހިންގައިގެން އެބަ ސަލާމަތް ކުރެވޭ 15 ނޫނީ 20 މިލިއަން ރުފިޔާ،" ރައީސް ތަފްސީލުކޮށް ދެއްވި އެވެ.

ފަސް ވަރަކަށް ކުންފުނިތަކާ ހަވާލުކޮށްގެން، ސީދާ ފައިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާނީ، އެ މަޝްރޫއުތަކުން ފައިދާއެއް ނެރެމުގެ ވިސްނުމުގައި ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، އެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނާއި ތަކެތި އެސްޓީއޯ މެދުވެރިކޮށް ބަލްކުކޮށް ގެންނަން ނިންމާފައިވާ ކަމަށާއި އެ ކަމުން ވެސް ހަރަދުން ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި އާއެކު، އެ މަނިކުފާނު ވިދާޅުވީ، ދައުލަތުން ވެލްފެއާ ކަންކަމަށް ކުރާ ހޭދައިން ސަލާމަތް ކުރަން ރާވާފައިވާ ބައި، މި މަޝްރޫއުތަކުގެ ތެރެއިން ހޯދޭނެ ކަމަށެވެ.

"ބެލެންސް ގެނެވޭ އެބަ. ކޮންމެހެން ރައްޔިތުންނަށް ދޭ އެއްޗެއް އުނިކޮށްލުމުގެ ބަދަލުގައި މި ހިންގަން ހުރި މަޝްރޫއުތަކުގެ ތެރެއިން އަޅުގަނޑުމެން އާ މޮޑެލްގެ ތެރެއިން މަޝްރޫއު ހިންގައިގެން އެ ބައި ސަލާމަތް ކުރާނީ. އެއީ އަޅުގަނޑުމެންގެ ޕްލޭނަކީ،" ރައީސް ވިދާޅުވި އެވެ.