Roadha Mihaaru
ހިތަދޫ ޓޫރިޒަމް ޒޯން ތަރައްގީކުރަން ހުޅުވާލައިފި

ހިތަދޫ ޓޫރިޒަމް ޒޯން ތަރައްގީ ކުރަން އިންވެސްޓަރުންނަށް ހުޅުވާލައިފި

13 މާޗް 2024

އައްޑޫ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އައްޑޫ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އީދިގަލި ޓޫރިޒަމް ޒޯނުގެ ގާތްގަނޑަކަށް 21،000 އަކަ މީޓަރުގެ ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ތަރައްގީ ކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ސަރަހައްދު ކުއްޔަށް ދޫކުރެވޭނީ 50 އަހަރުގެ މުއްދަތަށް ކަމަށާއި އެ ތަނުގައި ތަރައްގީ ކުރެވޭނެ އިންވެސްޓްމަންޓުތަކުގެ ތެރޭގައި ސިޓީ ހޮޓަލާއި ގުޅުން ހުރި ޓޫރިޒަމް ވަސީލަތްތައް ހިމެނޭ ކަމަށް އިއުލާނުގައި ބުންޏެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ގަތުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ހުޅުވާލައިފަ އެވެ.

ބިޑް ބަލައިގަންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށެވެ.

އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަކޮށް "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން" ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ތެރޭގައި ތައާރަފްކޮށްފަ އެވެ.

އެ ޕްލޭންގެ ދަށުން މި ސަރުކާރުން ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދާ އެއްގޮތަށް އައްޑޫގައި 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އެއާ އެކު 10،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ވެސް ޕްލޭންގައި ލަފާކޮށްފައިވެ އެވެ.

އައްޑޫގައި ކުރިން ހިންގަމުން އައި އެކަމަކު، މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް ތަރައްގީ ކުރުމުގެ އެ ޕްލޭންގައި އައްޑޫގައި ކަލްޗަރަލް ވިލޭޖެއް ހެދުމާއި ވެލްނެސް ޒޯނާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ކިޔައިދީފައިވެ އެވެ. އައްޑޫގައި ހޮސްޕިޓާލިޓީ ސްކޫލެއް ހެދުމަށް ވެސް ވަނީ ޕްލޭން ކޮށްފަ އެވެ.