Roadha Mihaaru

ރައީސް އެކަނިވެއްޖެ، ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރުވާނެ: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން އެކަނިވެރިވެފައިވާ ކަމަށާއި އެ މަނިކުފާނަށް މިހާރު ގެންގުޅުއްވާ ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް އެކަނިވެއްޖެ، ސިޔާސަތު ބަދަލުކުރަންޖެހޭ: ނަޝީދު
މޫސާ ރަޝީދު
މޫސާ ރަޝީދު

08 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން އެކަނިވެރިވެފައިވާ ކަމަށާއި އެ މަނިކުފާނަށް މިހާރު ގެންގުޅުއްވާ ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ރިޕަބްލިކް ޗެނަލް" ގެ ޕްރޮގްރާމެއްގައި މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަމަށް ވަޑައިގަނެވުނީ "އިންޑިއާ އައުޓް" ކިޔައިގެން ނޫން ކަމަށާއި އޭރު ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން ކަމަށެވެ.

އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ވަރަށް ބޮޑަށް ބަލިކަށިވި ކަމަށާއި އެ ޕާޓީ ދެބައިވުމުގެ ފައިދާ އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމަށް، ވަގުތީ ގޮތުން ގާނާއަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މުއިއްޒުއަށް ތާއީދުކުރެއްވި ކަމަށާއި ނަމަވެސް މިހާރު އެއިން އެއްވެސް ބޭފުޅަކު އެ މަނިކުފާނުގެ ސަރުކާރަށް ތާއީދުނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިހާރު އެއްވެސް މީހަކު ރައީސް މުއިއްޒުއާ އެކީ ނެތް. ރައީސް ވަރަށް ބޮޑަށް އެކަނިވެރިވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ ދިވެހިންނަކީ އިންޑިއާއާ ދުރަށް ދާން ތާއީދު ކުރާނެ ބައެއް ނޫން ކަމަށާއި އެކަން ކުރާނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަން ވެސް އެނގޭނެ ކަމަށެވެ.

ސަރުކާރުން އެ މަގުން ދާ ނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށާއި އެ މިސްރާބު ބަދަލުކުރަން ރައީސަށް މަޖުބޫރުވެ ވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ހިނގަމުން އަންނަ ގޮތާ ގުޅޭ ގޮތުން ނަޝީދު ވަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ ކުޑަކުޑަ ރާއްޖެއިން އިންޑިއާގައި ސިފައިން ބާލުވަން އެދުމުން އެ ގައުމުން ވަގުތުން އެއްބަސްވި ކަމަށެވެ. އެއީ "ބުލީ" އެއް އުޅޭނެ ގޮތެއް ނޫން ކަމަށާއި އިންޑިއާ ބޭނުން ވެއްޖެ ނަމަ ޖެއްސުން ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ އިން ކުޑަ ގައުމަކަށް އިހުތިރާމްކޮށް އަދި މަޝްވަރާގެ މަގުން ސިފައިން ބަދަލުކުރެވޭނެ ގޮތްތަކާ މެދު ދަނީ ވާހަކަ ދައްކަމުން،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާއަށް އަބަދުވެސް ވަރަށް ބޮޑަށް ތާއީދުކުރައްވާ ނަޝީދު ރާއްޖެ-އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ތަކުރާރުކޮށް ދައްކަވާ ވާހަކަތަކުގައި، އިންޑިއާ ދެކޮޅު ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށް ބެލެވޭ މައްސަލަތަކުގެ ވާހަކަ ދައްކަވަ އެވެ. އަދި އިންޑިއާއާ ދުރުވެ ޗައިނާއަށް ބަރޯސާވުމަކީ ދަރަނީގެ މަޅިއެއްގައި ޖެހުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަ އެވެ.