Roadha Mihaaru
ވެހިކަލް ގަރާޖުތަކުގެ ސައްހަކަން ބަލަން ދަނީ!

ވެހިކަލްތައް ރަޖިސްޓަރީ ކުރުމަށް ދައްކާ ގަރާޖު ބޭނުންކުރޭތޯ ބަލަން ދަނީ!

05 މާޗް 2024

ގަރާޖުގެ ވެރިފަރާތަށް އެނގުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު އެ ގަރާޖުތަކަށް ރަޖިސްޓަރީ ކުރަމުންދާ މައްސަލަތައް އިތުރުވަމުން ދާތީ އެ ތަންތަން ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގަރާޖުގެ ވެރިފަރާތަށް އެނގުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު އެ ގަރާޖުތަކަށް ރަޖިސްޓަރީ ކުރަމުންދާ މައްސަލަތައް އިތުރުވަމުން ދާތީ އެ ތަންތަން ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދުގެ ދަށުން، ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އިރު، ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ގަރާޖު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ އަދި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއް ކަން އަންގައިދޭ ލިޔުންތައް ހުށަހަޅަން ޖެހޭ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރާއިރު، ގަރާޖުގެ ވެރިފަރާތަަށް އެންގުމެއް ނެތި، އެ ގަރާޖުތަކުގައި އުޅަނދުތައް ރަޖިސްޓަރީ ކުރަމުން ގެންދާތީ އެ މައްސަލަ ހައްލު ކުރުމަށް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

"ވީމާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާ ކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭ ގޮތަށް ހުރި ތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ،" ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ވެހިކަލްތައް ރަޖިސްޓަރީ ކުރާއިރު، އެ އުޅަނދު ބޭއްވުމަށް އޭގެ ވެރިފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ގަރާޖު ދެއްކި ނަމަވެސް ފަހުން އެ ގަރާޖު ނުހުންނަ މައްސަލަ އާއި ސައްހަ ނޫން ސިޓީ ހުށަހަޅާ މައްސަލަ އަބަދުވެސް އޮންނަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމަކު، ދުވަހަކު ވެސް އެ މައްސަލަ ހައްލެއް ނުކުރެވެ އެވެ.