Roadha Mihaaru
އެސްއޯއީތައް ރިފޯމު ކުރަން 3 އެކްސްޕާޓުން ހޯދަނީ

އެސްއޯއީތައް ރިފޯމު ކުރަން ތިން އެކްސްޕާޓުން ހޯދަނީ

29 ފެބުރުއަރީ 2024

ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމު ކުރުމަށްޓަކައި އެކަމާ ގުޅޭ ތިން އެކްސްޕާޓުން ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމު ކުރުމަށްޓަކައި އެކަމާ ގުޅޭ ތިން އެކްސްޕާޓުން ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ކުންފުނިތަކުގެ މައްސަލަތައް ހައްލު ކުރަން ހޯދަނީ އެސްއޯއީ ރިޕޯމު އެކްސްޕާޓަކާއި އިކޮނޮމިކް ރިފޯމް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓެކެވެ. އެ މީހުން ހޯދަން އިއުލާންކޮށްފައި ވަނީ ރާއްޖެއިން ބޭރުންނެވެ.

ރާއްޖެ އިން، އެސޯސިއޭޓް ސޯޝަލް ޕްރޮޓެކްޝަން އިކޮނޮމިސްޓެއް ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ސަރުކާރުން އެސްއޯއީތައް ރީފޯމުކުރުމުގައި އިގްތިސާދީ ގޮތުން ދިމާވެފައިވާ މައްސަލަތައް ހަމަ މަގަށް އަޅުވަން ވޯލްޑް ބޭންކާ އެކު "މޯލްޑިވްސް ކޮމްޕެޓިޓިވް އެންޑް ގްރޯތު ޕްރޮޖެކްޓް" ނަމުގައި މަޝްރޫއުއެއް ވަނީ ފަށައިފަ އެވެ. ފަސް އަހަރަށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ މައްސަލަތައް ހައްލު ކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށް، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތަކަށް ވަނީ އަލިއަޅުވާލައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެސްއޯއީގެ ބައިވެރިވުން ވަރަށް ބޮޑެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 15،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

އެސްއޯއީތަކުގެ ހަރަދު ބޮޑުވެ، ފައިދާ ނުވާ މައްސަލަ އާއި ބައެއް ކުންފުނިތައް ހިންގުމުގައި ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އަމަލު ނުުކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ނިންމުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެފަދަ އެތައް މައްސަލައެއް އެސްއޯއީތަކާ ގުޅޭ ގޮތުން ފެންމަތިވެފައިވެ އެވެ.