Roadha Mihaaru

ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށްކޮށްފި

ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް، މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.5 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށްކޮށްފި

ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް، މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.5 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މިދިޔަ ހަފުތާ ނިމުނު އިރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ 25.4 ބިލިއަން ރުފިޔާ އެވެ. ފިނޭންސްގެ ހިސާބުތަކުން ފެންނަ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދުތައް (ކެޕިޓަލް ހަރަދުތައް) 57.7 ޕަސެންޓް ދަށްކުރުމެވެ. ކެޕިޓަލް ހަރަދު އެވަަރަށް ކުޑަކުރި އިރު ރިކަރަންޓް ޚަރަދުގެ 56.7 ޕަސެންޓް ހޭދަކޮށްފައި އޮތީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށެވެ. ރިކަރެންޓް ހަރަދު ވެސް މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 4.5 ޕަސެންޓް ދަށް އަދަދެކެވެ. ހިސާބުތަކުން ފެންނަ ގޮތުގައި ރިކަރެންޓް ހަަރަދުގެ ތެރެއިން ވެސް ދަށްވެފައި ވަނީ އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް ކުރި ހަރަދާއި މަރާމާތަށް ކުރި ހަރަދެވެ.

ތަކެތި ހޯދުމުގެ ޚަރަދު 15.5 ޕަސެންޓް ދަށްވެފައި ވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 15.6 ޕަސެންޓް ދަށްވެފަ އެވެ.

ރިކަރެންޓް ހަރަދުގެ ތެރެއިން ދަތުރުފަތުރުކުރުމަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 5.8 ޕަސެންޓް ދަށެވެ. މީގެ އިތުރުން ދައުލަތުންދޭ އެހީ އާއި ސަބްސިޑީތަކަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 7 ޕަސެންޓް ދަށް ކަމަށް ވެސް ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު [ކެޕިޓަލް ޚަރަދު] ގެ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 3.3 ބިލިއަން ރުފިޔާ އެވެ. މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 2.9 ބިލިއަން ރުފިޔާ މިއަހަރު ހަރަދުކުރި އެވެ.

މިއަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހަރަދުކޮށްފައި އޮތީ އެންމެ 4.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ކުރި ހަރަދުގެ ބޮޑު ބައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައި ވިޔަސް މި އަހަރު ޕީއެސްއައިޕީއަށް ކުރި ހަރަދުގެ ބޮޑު ޕަސެންޓެއް ހަރަދުކުރީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫއުތަކަށެވެ

އެފަދަ މަޝްރޫއުތަކަށް ޖުމުލަ 2.6 ބިލިއަން ރުފިޔާ މިއަހަރު ހަަރަދުކުރި އެވެ.

ހިސާބުތަކުން ދެއްކި ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި އަހަރުގެ މިހާތަނަށް ހަރަދުކޮށްފައި އޮތީ އެންމެ 131.6 މިލިއަން ރުފިޔާ އެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް މިއަހަރުގެ ބަޖެޓުން 25.4 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ދައުލަތުގެ ބަޖެޓުގެ އޯވައޯލް 868.7 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.

އާމްދަނީ 7.8 ޕަސެންޓް އިތުރުވެ، 26.3 ބިލިއަން ރުފިޔާއަށް

މިދިޔަ ހަފުތާގެ ނިޔަލަށް، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 26.3 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 7.8 ޕަސެންޓް އިތުރުވި އެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މިދިޔަ ހަފުތާ ނިމުނު އިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.0 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ލިބުނީ 20.5 ބިލިއަން ރުފިޔާއެވެ. އެއީ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީގެ 78.0 ޕަސެންޓެވެ.

ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 104.6 ޕަސެންޓް އިތުރެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 57.9 ޕަސެންޓް އިތުރުވި އިރު އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 17.3 ޕަސެންޓް އިތުރުވި އެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަަށް އަޅާބަލާ އިރު 56.8 ޕަސެންޓް އިތުރުވި އިރު އޭގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.7 ޕަސެންޓް އިތުރުވުމެވެ.

މިއަހަރުގެ މިހައިތަނަށް 1.5 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ލޭންޑް އިކުއިޒިޝަން އެންޑް ކޮންވާޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައިވަނީ އިތުރުވެފައެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރެވެ.