Roadha Mihaaru
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ

ސަރުކާރުން އެސްބީއައި އަށް 1.5 ބިލިއަން ރުފިޔާ އަދި ދަައްކަން އެބައޮތް!

20 ފެބުރުއަރީ 2024

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ސަރުކާރުން ވިއްކި ޓީ ބޮންޑަކަށް ބާކީ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) މި އަހަރު އަދި ދައްކަންޖެހޭ ކަން އެނގިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ސަރުކާރުން ވިއްކި ޓީ ބޮންޑަކަށް ބާކީ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) މި އަހަރު އަދި ދައްކަންޖެހޭ ކަން އެނގިއްޖެ އެވެ.

އެ މުއާމަލާތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އިސްބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، މިއީ އެސްބީއައި މެދުވެރިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖެނުއަރީ 2019 ގައި ޓީ ބޮންޑުގެ ގޮތުގައި ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ތެރެއިން ބާކީ ނުދައްކާ އޮތް 100 މިލިއަން (1.5 ބިލިއަން ރުފިޔާ) އެވެ. މިދިޔަ މަހު ވަނީ އެ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ދައްކައިފަ އެވެ

ކުރީގެ ސަރުކާރުން އެދިގެން ބަޖެޓު ސަޕޯޓަށް ދިން އެ ފައިސާ އެސްބީއައި އިން އޭރު ދޫކުރީ، ތިން ފަހަރެއްގެ މަތިން ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) އެވެ. އެ ޓީ ބޮންޑުގެ ފައިސާގެ ތެރެއިން އަންނަ އޭޕްރީލް މަހާއި ޖުލައި މަހު 50 މިލިއަން ޑޮލަރުގެ ދެ ޕޭމަންޓު ސަރުކާރުން އެސްބީއައިއަށް ދައްކަން ޖެހެ އެވެ.

އެސްބީއައި މެދުވެރިކޮށް އޭރު ލިބުނީ ކުރީގެ ސަރުކާރުން ވެރިކަމަށް އައުމާ އެކު، އިންޑިއާ އިން ދިން އެހީގެ ތެރޭގައި ހިމެނޭ ފައިސާ އެވެ. އޭރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން އެ އަދަދު، ފަހުން ހިލޭ އެހީއަކަށް ބަދަލުވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައި އޮތް ކަމަށް "މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް، އެ ފައިސާ ހިލޭ އެހީއަށް ބަދަލު ނުކޮށް، މިދިޔަ ފަސް އަހަރު ވެސް ރޯލް އޯވާކޮށްގެން، ނުވަތަ ބޮންޑުގެ މުއްދަތު އިތުރުކޮށްދީގެން އެސްބީއައި އިން ތިބީ އެވެ.

އެސްބީއައި އިން ވިއްކި ބޮންޑު އަނބުރާ ދެއްކުމަށް ބީއެމްއެލް އިން ލޯނު ނެގި އިރު މިދިޔަ މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން ވަނީ 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ހޯދަން އިއުލާނުކޮށްފަ އެވެ.

ސަރުކާރުން ބަޖެޓު ޑެފިސިޓްގެ ގޮތުގައި 14 ބިލިއަން ރުފިޔާ މި އަހަރު ހޯދަން ޖެހެ އެވެ. އޭގެ ތެރެއިން 3.9 ބިލިއަން ރުފިޔާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ނުވަތަ ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ނުވަތަ ބޮންޑާއި ޓީބިލް މެދުވެރިކޮށެވެ. ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުންނެވެ.