Roadha Mihaaru
ޕެރަގްލައިޑާގެ ފޮޓޯއިން ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެ

ފަލަސްތީނަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި ޕެރަގްލައިޑާގެ ފޮޓޯ ގެންގުޅުމުން ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެ

14 ފެބުރުއަރީ 2024

އިނގިރޭސި ވިލާތުގެ ލަންޑަނުގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި، ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމުގައި ބޭނުންކުރި ފާޑުގެ ޕެރަގްލައިޑާގެ ފޮޓޯ ގެންގުޅުނު ތިން އަންހެނެއްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް އިއްޔެ ހުކުމްކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި، ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމުގައި ބޭނުންކުރި ފާޑުގެ ޕެރަގްލައިޑާގެ ފޮޓޯ ގެންގުޅުނު ތިން އަންހެނެއްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް އިއްޔެ ހުކުމްކޮށްފި އެވެ.

އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލި ހަމަލާތަކުގައި ބައިވެރިވި ބައެއް މީހުން އިޒްރޭލު ތެރެއަށް ވަނީ ބުރަކަށީގައި ޕެރަގްލައިޑާ ހަރުކޮށްގެން، ސެކިއުރިޓީ ފެންސްތަކުގެ މަތިން ގޮހެވެ.

ޕެރަގްލައިޑާގެ ފޮޓޯ ގެންގުޅެގެން ކުށްވެރިވި ހިބާ އަލްހަޔަކް، 29، އާއި ޕޯލިން އަންކުންދާ، 26، މުޒާހަރާގައި ތިބި އިރު ހެދުމުގައި ޕެރަގްލައިޑާގެ ކުރެހުމެއް އިން ކަރުދާސްގަނޑެއް ޓޭޕް އަޅައި ހެދުމުގައި ތަތްކޮށްފައި އިނެވެ. އަދި އުމުރުން 27 އަހަރުގެ އަޮލަޔިންކާ ޓައިވޯ ހުރީ މުޒާހަރާހައި ބޭނުންކުރި ލިޔުމެއް ހަރުކޮށްފައިވާ ދަނޑީގެ ބުޑުގައި ޕެރަގްލައިޑާގެ ކުރެހުން ތަތްކޮށްގެންނެވެ.

މި ތިން މީހުންނަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކުރުމުން ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް އެހެން ކަންކަމަށް ބަލައި ލަންޑަނުގެ ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުގެ ޑެޕިއުޓީ ސީނިއާ ޑިސްޓްރިކްޓް ޖަޖް ޓޭން އިކްރާމް ނިންމެވީ 12 މަސް ދުވަސް ތެރޭ އިތުރު ކުށެއް ނުކުރަން ޝަރުތުކޮށް ދޫކޮށްލުމަށެވެ.

މުޒާހަރާގައި ބޭނުންކުރި ޕެރަގްލައިޑާގެ ފޮޓޯ ހެދުމުގައި ތަތްކޮށްފައި: މި ފޮޓޯއާ ހެދި ޓެރަރިޒަމްގެ ކުށް ވަނީ ސާބިތުވެފައި.

މުޒާހަރާގައި ބޭނުންކުރި ޕެރަގްލައިޑާގެ ފޮޓޯ ހެދުމުގައި ތަތްކޮށްފައި: މި ފޮޓޯއާ ހެދި ޓެރަރިޒަމްގެ ކުށް ވަނީ ސާބިތުވެފައި.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މި ފޮޓޯތަކަކީ މިނިވަންކަން ނޫން އެހެން ކަމެއް ރަމްޒު ނުވާ އެއްޗެއް ކަމަށް ސަބަބުވެރި އިންސާނަކު ގަބޫލުކުރާނެ ކަމަކަށް،" ޖަޖް ވިދާޅުވި އެވެ.

އެކަމަކު ޖަޖް ވިދާޅުވީ ދައުވާ ލިބުނު އެއްވެސް މީހަކީ ހަމާސް އަށް ތާއީދުކުރާ މީހެއް ކަމުގެ އަދި ހަމާސް އަށް ތާއީދު ހޯދަން އުޅުނު މީހެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

"ތި އެންމެން ވަނީ ރޮނގު ހުރަސްކޮށްފައި. އެކަމަކު މިއީ މައްސަލައެއްގައި ޖަޒުބާތުތައް ވަރަށް މަތީގައި ހުރި ވަގުތެއްގައި ހިނގި ކަމެއްގެ ގޮތުގައި މާ ބޮޑަށް ގަބޫލުކުރެވޭ،" ޖަޖް އިކްރާމް ވިދާޅުވި އެވެ.

އެކަމަކު ދައުލަތުގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ މިއީ ހަމާސްއަށް ހަމްދަރުދީވެ އެ ޖަމާއަތުގެ ހަމަލާއަށް ތާއީދުކޮށް އެއީ މޮޅު ކަމެއްގެ ގޮތުގައި ދެއްކުމުގެ އަމަލެއް ކަމަށެވެ. --އޭއެފްޕީ