Roadha Mihaaru
ގޭންގަކީ ކޮބައިކަން ފަސޭހައިން ކަނޑައެޅޭ ގޮތް ހަދަނީ

ގޭންގަކީ ކޮބައިކަން ފަސޭހައިން ކަނޑައެޅޭ ގޮތަށް ގާނޫނު އިސްލާހުކުރަނީ

12 ފެބުރުއަރީ 2024

ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން މަގުސަދު ހާސިލް ނުވާތީ، އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން މަގުސަދު ހާސިލް ނުވާތީ، އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިމިފައިވާ ކަމަށާއި އިސްލާހުގެ ޑްރާފް ނިމިފައިވާ ކަމަށެވެ.

"ކޮބައި ހެއްޔޭ ގޭންގަކީ، ގޭންގެއްގެ ޑެފިނީޝަން ފަސޭހައިން މާނަކުރެވޭނެ ގޮތްތައް އަދި އެ މާނަ އަކީ ޕްރެކްޓިކަލީ ވެސް ކުރެވޭ މަސައްކަތުން އެ ގޭންގް ޑެފިނީޝަން އަށް އެ ފެތޭ ބަޔަކީ ކޮބައިތޯ ކަނޑައެޅުން ތަންކޮޅެއް ފަސޭހަ ވަގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.

އުއްމީދުކުރަނީ ފުލުހުންގެ ބޭނުންވާ ގާނޫނީ އިސްލާހުތައް އަވަހަށް ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ދިޔުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މީގެ 13 އަހަރު ކުރިން، 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ލިޔެފައި އޮތީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރެވުނީ އެންމެ މައްސަލައެއްގައި ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ނޫން ކަމަށެވެ.

"އަޅުގަނޑަށް ހިއެއް ނުވާ އަމަލީ ގޮތުން ބޭނުން ކުރާއިރު ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނަކީ މިވަގުތު އަޅުގަނޑުމެންނަށް ބޭނުން ކުރެވިދާނެ ގޮތަކަށް އޮތް ގާނޫނެއްހެނެއް. އޭރު ވެސް ބޭނުމެއް ނުކުރެވޭ. މިހާރު ވެސް އެގޮތަށް އެކަން އޮތީ،" ޝަމީމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ޝަމީމް ވިދާޅުވި ގޮތުގައި ގޭންގް ކުށްތަކާ ހުއްޓުވަން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯހެއްގެ މަސައްކަތް ކުރިއަށް ދެ އެވެ. އަދި އެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށާއި އޭރު ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މާލެ ތެރޭގައި ގޭންގް ހަމަނުޖެހުންތައް ހިނގުމާއި މީހުންނަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމާއިި މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ކަންކަމަށް ފިޔަވަޅު ނޭޅޭތީ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.