Roadha Mihaaru

ގޭންގުތައް ނުހުއްޓުވި އޮތީ ޕޮލިޓިކަލް ވިލް ނެތީމަ: ރައީސް

ރާއްޖޭގައި ގޭންގުތައް ވަރުގަދަވެ، އެ ގޭންގުތަކުން ހިންގާ ކުށްތަކުގެ މައްސަލަ ހައްލު ނުވެ އޮތީ، މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެކަން ހައްލު ކުރަން "ޕޮލިޓިކަލް ވިލް" ނެތުމުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގޭންގުތައް ނުހުއްޓި އޮތީ ޕޮލިޓިކަލް ވިލް ނެތީމަ:ރައީސް
ނާޒިމް ހަސަން
ނާޒިމް ހަސަން

25 މެއި 2025

ރާއްޖޭގައި ގޭންގުތައް ވަރުގަދަވެ، އެ ގޭންގުތަކުން ހިންގާ ކުށްތަކުގެ މައްސަލަ ހައްލު ނުވެ އޮތީ، މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެކަން ހައްލު ކުރަން "ޕޮލިޓިކަލް ވިލް" ނެތުމުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

އެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގޭންގު މައްސަލަ ހައްލު ނުކުރެވި އޮތީ "ޕޮލިޓިކަލް ވިލް" ނެތުމުގެ ސަބަބުން ކަމަށާއި އަމިއްލަ މަސްލަހަތުގައި ގޭންގުތަކަށް ދީއްލައިގެން ތިބީ ކަމަށެވެ.

"މިއަދު މި ފެނިގެން ދަނީ އެކަން ބަދަލުވެފައިވާ ތަން، މި ސަރުކާރަކުން ނުފެންނާނެ ކުރީގެ މަންޒަރެއް. އަޅުގަނޑު ބޭނުން ވަނީ އިހުލާސްތެރިކަމާ އެކު ހަގީގީ މާނަގައި ގައުމުގަ ހުރި މިހަކަލަ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން،" ރައީސް ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑަށް ބޭނުން ވަނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން."

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް އެ މަނިކުފާނު ނުބައްލަވާނެ އެވެ. ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަކީ ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވަން އެޅުނު އެކަށީގެންވާ ފިޔަވަޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް އެންމެން ގުޅިގެން ހައްލު ކުރެވޭނެ ކަމަށާއި މައްސަލަތައް ހައްލުކުރަން އެންމެން އެކައްޗެއް ކިޔަން ޖެހިފައިވާ ކަމަށެވެ.

ގޭންގު ކުށްތަކުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެ ބިލް މީޑިއާ އަށް ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ގޭންގު ކުށްތަކުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެ ބިލް މީޑިއާ އަށް ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި ގާއިމް ކުރެވިއްޖެ ނަމަ މާ އުނދަގޫ ކަމެއް ނޫން، ގުރޫޕް ހަދައިގެން އެކި ކަހަލަ ކުށްތައް ކުރުން މުދަލަށް ގެއްލުން ދިނުން މިހެން ގޮސް މި ޒާތުގެ ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

"މިއަދު މި ތަސްދީގު ކުރެވުނު ގާނޫނު މި ދެންނެވި ރޫހުގައި މަސައްކަތް ކޮށްފި ނަމަ، ނަތީޖާ ނެރެވޭނެ."

ރައީސް ވިދާޅުވީ ކުށަށް އަރައިގަތުމަކީ އިންސާނުންގެ ތަބިއްޔަތުގައި އޮތް ކަމެއް ކަމަށާއި ނަމަވެސް ކުށް ކުރުން މަދުކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. މިފަދަ ގާނޫނުތަކުގެ ބޭނުމަކީ ބަޔަކު ކުށްވެރިކުރުން ނޫން ކަމަށާއި ނަމަވެސް، ކުށްތައް މަދުކޮށް، ކުށުން މީހުން ދުރުހެލިކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދު ތަސްދީގުކުރި ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގުތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއް ކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއް ކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.

ގޭންގު ކުށްތަކުގެ ގާނޫނުގައި ވަނީ އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ، ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. ގޭންގު މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެ އިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ.

އެ ގާނޫނުގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.