Roadha Mihaaru
ގޭންގް ކުށުގެ ގާނޫނު: އުފެދުނުއިރު ވެސް މަރުވެފައި!

ގޭންގްތައް މިނިވަންކަމުގައި، ގޭންގް ކުށުގެ ގާނޫނު އުފެދުނުއިރު ވެސް މަރުވެފައި!

07 ސެޕްޓެމްބަރ 2016

ރާއްޖޭގައި ގޭންގްތައް އުފެދި ގޭންގް ކުށްތައް އިތުރުވާން ފެށުމުން އެކަން ހުއްޓުވަން އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 2010 ގައި ހާއްސަ ގާނޫނެއް ވުޖޫދަށް ގެނަ އެވެ. ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު ހެދުމުގެ މަސައްކަތް ކުރަމުން ދިޔައިރު ފުލުހުން ވެސް އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ އެ ގާނޫނު ފާސްވުމާ އެކު ގޭންގްތައް މުލުން ލުހެލެވޭނެ ކަމަށެވެ. އޭގެ ފަހުން ރާއްޖޭގައި ގޭންގްތަކޭ ކިޔާ ބަޔަކު ނުތިބޭނެ ކަމަށް ވެސް ފުލުހުން އޭރު ބުނެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ގޭންގްތައް އުފެދި ގޭންގް ކުށްތައް އިތުރުވާން ފެށުމުން އެކަން ހުއްޓުވަން އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 2010 ގައި ހާއްސަ ގާނޫނެއް ވުޖޫދަށް ގެނަ އެވެ. ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު ހެދުމުގެ މަސައްކަތް ކުރަމުން ދިޔައިރު ފުލުހުން ވެސް އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ އެ ގާނޫނު ފާސްވުމާ އެކު ގޭންގްތައް މުލުން ލުހެލެވޭނެ ކަމަށެވެ. އޭގެ ފަހުން ރާއްޖޭގައި ގޭންގްތަކޭ ކިޔާ ބަޔަކު ނުތިބޭނެ ކަމަށް ވެސް ފުލުހުން އޭރު ބުނެ އެވެ.

ފުލުހުންގެ އެ ވާހަކަތަކުން ދޭހަވީ އެ ގާނޫނު ވުޖޫދަށް ނައިސްގެން ކެތްމަދުވެފައި ތިބި ކަމެވެ. އަދި އެ ގާނޫނަށް އަމަލްކުރަން ފެށުމާ އެކު ރާއްޖޭގައި ހުރިހާ ގޭންގްތަކެއް ނެތިކޮށްލާނެ ހެންނެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ. އެ ގާނޫނަށް އަމަލުކުރަން ފެށިތާ މިދިޔަ ހޯމަ ދުވަހު ހަ އަހަރު ވީއިރު އަދިވެސް ހާލަތު އޮތީ އެންމެ ފުރަތަމަ ވެސް އޮތް ގޮތަށެވެ.

އެއްވެސް ބިރުވެރިކަމެއް ނެތި، ގޭންގްތައް އަދިވެސް ހިންގަމުންދަނީ ފާޅުގަ އެވެ. އެ ގާނޫނު އައި ފަހުން ވެސް ގޭންގްތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގައި އެތައް ބަޔަކު މަރާލައިފި އެވެ. އެތައް ބަޔަކަށް ހަމަލާދީފި އެވެ. ބަދަލުހިފުމުގެ ގޮތުން އަނެއް ގޭންގުން ވެސް މީހުން މަރައި، ހަމަލާތައް ދެނީ އެވެ. ގޭންގްތަކުގެ ހަރަކާތްތައް ފުޅާކަމުން އެއީ ވެސް އަމިއްލަ ޖަމިއްޔާތައް ހިންގާ އުސޫލުން ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ހެން ބައެއް ފަހަރު ހީވެ އެވެ. އެ މީހުންގެ ހަރަކާތްތައް ހިންގަނީ އެހާ ވެސް ފާޅުގަ އެވެ. އެކަމަކު އެ ގާނޫނުގެ ދަށުން އެޅުނު ފިޔަވަޅެއް ނެތެވެ. ހުއްޓުމަކަށް ގެނެވުނު ގޭންގެއް ވެސް ނެތެވެ.

ގޭންގް ކުށުގެ ގާނޫނު އައިތާ ފުރަތަމަ ދުވަސްކޮޅު އެ ގާނޫނުގެ ދަށުން ދެތިން ދައުވާއެއް ކުރިޔަސް އޭގެ ފަހުން އެ ގާނޫނުގެ ދަށުން އެއްވެސް ދައުވާއެއް ނުކުރެ އެވެ. އޭގެ މާނައަކީ އެ ގާނޫނުގެ ބޭނުން އެއްގޮތަކަށް ވެސް ނުހިފުމެވެ.

ގޭންގްތަކުން ހިންގާ އަމަލުތަކަކީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އެބަ އޮތެވެ. ގޭންގްތަކުގެ މެމްބަރުކަން ކުރުމާއި ލީޑަރުކަން ކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައި އެބަ އޮތެވެ. ގޭންގްތަކަށް މީހުން ރެކްރޫޓް ކުރުމާއި ގޭންގްތަކަށް މީހުން ވެއްދުމާއި ގޭންގްތަކަށް ފައިސާ ޚަރަދު ކުރުމާއި އެހީވުމަކީ ވެސް ކުށެކެވެ. ގޭންގްތަކުގެ ނިޝާންތަކާއި ކުރެހުންތައް އުފެއްދުމާއި އާންމުކުރުމަކީ ވެސް ކުށެކެވެ. އެ ކުށްތަކަށް އެކަށީގެންވާ އަދަބުތަކެއް ވެސް ގާނޫނުގައި ހިމަނާފައި އެބަ އޮތެވެ. ނުވިތާކަށް ގޭންގްތަކުން ކުށްކޮށްގެން ހޯދާ މުދާ، ބަދަލު ދިނުމެއް ނެތި ދައުލަތަށް ނެގޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ. މިހެންވީއިރު އެ ގާނޫނުގެ ދިގު އަތް ގޭންގްތަކާ ހަމައަށް ނުފޯރައިގެން މިި އުޅެނީ ކީއްވެ ހެއްޔެވެ؟. ޖަވާބު ވަރަށް ސާފެވެ: ގާނޫނުގައި ހުރި ބޮޑެތި މައްސަލަތަކެވެ.

ބޮޑެތި ބާގަނޑުތަކެއް

ގާނޫނީ މީހުން ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ އެ ގާނޫނުގެ ދަށުން އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް އަދަބު ދެވެން އޮތީ އެ މީހަކު ނުވަތަ އެ ބަޔަކު ނިސްބަތްވާ ޖަމާއަތަކީ ނުވަތަ ގްރޫޕަކީ ގޭންގެއް ކަން ދައުލަތުން ސާބިތުކޮށްދީގެން ކަމަށް ވުމެވެ. އެ ގާނޫނުގެ ދަށުން އަދަބު ދެވެން އަންނަނީ އޭގެ ފަހުންނެވެ.

މިސާލަކަށް ގޭންގެއްގެ މެމްބަރުކަން ކުރި ކަމަށް ބުނެ މީހަކަށް ދައުވާކުރާ ނަމަ ދައުލަތުން އެންމެ ފުރަތަމަ ސާބިތުކޮށްދޭން މިޖެހެނީ އެ މީހަކު ނިސްބަތްވާ ގްރޫޕަކީ ގޭންގެއް ކަމެވެ. އެކަން ސާބިތުކޮށް ދިނުމަށް ފަހު ދެން ޖެހެނީ އެ މީހަކީ ގޭންގުގެ މެމްބަރެއް ކަން ސާބިތުކޮށްދޭށެވެ. ކުރުކޮށް ބުނާ ނަމަ އެ ގާނޫނުގެ ދަށުން މީހަކަށް އަދަބު ދެވެން އަންނަނީ ދެ ކަމެއް އެއްފަހަރާ ސާބިތުކޮށްދީގެންނެވެ.

ދެން އޮތީ އެއަށް ވުރެ ބޮޑު މައްސަލައެކެވެ. އެއީ ވަކި ޖަމާއަތަކީ ނުވަތަ ގްރޫޕަކީ ގޭންގެއް ކަން ސާބިތުކޮށްދޭން އުނދަގޫވުމެވެ.

އެ ގާނޫނުގައި ގޭންގް މަނާކޮށްފައިވަނީ "ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، އެ ޖަމާއަތެއް ނުވަތަ އެ ގްރޫޕެއްގެ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްކުރުން ހިމެނޭ ޖަމާއަތްތަކާއި ގްރޫޕްތަކަށެވެ." މިހެންނެވެ.

އެގޮތަށް އޮތުމުން، އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި ދައުލަތުން އެންމެ ފުރަތަމަ ސާބިތުކޮށްދޭން ޖެހެނީ އެ ގްރޫޕް ނުވަތަ އެ ޖަމާއަތުން ކުރާ "މައިގަނޑު ކަންކަމަކީ" ޖިނާއީ ކުށުގެ އަމަލުތައް ކަމެވެ. އެކަން ވެސް ސާބިތުކޮށްދޭން މިޖެހެނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންގަނޑުންނެވެ.

ގޭންގް މާރާމާރީއަކާ ގުޅިގެން ސަރަހައްދެއް ބަންދުކޮށްފައި: ގޭންގް ކުށުގެ ގާނޫނުގެ ދަށުން ދައުވާކުރުން އޮތީ ހުއްޓާލާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ގޭންގް މާރާމާރީއަކާ ގުޅިގެން ސަރަހައްދެއް ބަންދުކޮށްފައި: ގޭންގް ކުށުގެ ގާނޫނުގެ ދަށުން ދައުވާކުރުން އޮތީ ހުއްޓާލާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދައުވާ ސާބިތުކުރުމުގެ އާންމު އުސޫލަކީ ޖިނާއީ ކޮންމެ ދައުވާއެއް ވެސް ދައުލަތުން ސާބިތުކޮށް ދިނުން ކަމަށް ވިޔަސް ބައެއް ހާލަތްތަކުގައި ސާބިތުކޮށް ދިނުމުގެ ބުރަ، ތުހުމަތުކުރެވޭ ފަރާތްތަކުން ވެސް އުފުލަން ޖެހެ އެވެ. އެކަމަކު އެގޮތަށް އެ ބުރަ، ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ނަގުލު ވެގެންދާނީ އެ ގާނޫނެއްގައި އެކަން ސާފުކޮށް ބަޔާންކޮށްފައި އޮވެގެންނެވެ.

އެކަމަކު ގޭންގް ކުށްތަކުގެ ގާނޫނުގައި އެހެން ބަޔާންކޮށްފައެއް ނެތެވެ. އެހެންވެ ވަކި ގްރޫޕަކީ ގޭންގެއް ކަން ކޯޓުގައި ސާބިތުކޮށްދޭން މިޖެހެނީ ދައުލަތަށެވެ. ގޭންގެއް ކަމަށް ތުހުމަތުކުރެވޭ ގްރޫޕުން އެ މީހުންނަކީ ގޭންގެއް ނޫން ކަން ސާބިތުކޮށްދޭކަށް ނުޖެހެ އެވެ.

"މިސާލަކަށް އެ ގާނޫނުގައި ބުނާ ކުށެއް ގޭންގެއްގެ މީހަކު ކޮށްފި ކަމަށް ގަބޫލުކުރެވޭ މިންވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ އެ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކުރުން ފަދަ ބާރުތައް ދިނުން މުހިންމު -- ވަކީލެއް

މިވެނި ޖަމާއަތަކީ ނުވަތަ ގްރޫޕަކީ ގޭންގެއް ކަން އާންމުކޮށް އެންމެންނަށް އެނގުނަސް ނުވަތަ މިވެނި މީހަކީ އެ ގްރޫޕުގެ މެމްބަރެއް ކަން އެނގުނަސް، އެ ގްރޫޕުން ހިންގާ "މައިގަނޑު ކަންތައްތަކަކީ" ޖިނާއީ ކުށުގެ އަމަލުތައް ކަން ކޯޓެއްގައި ސާބިތުކޮށް ދިނުމަކީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. މިސާލަކަށް ގޭންގަކުން ރާވައިގެން ގޮސް މީހަކަށް ހަމަލާދިނަސް އެއީ ސީދާ އެ ގޭންގުން ކުރި ކަމެއް ކަން ސާބިތުކޮށްދޭން ފަސޭހައެއް ނުވާނެ އެވެ. އަދި މިވެނި މީހަކީ ނުވަތަ ބަޔަކީ ވަކި ގޭންގަކަށް ނިސްބަތްވާ ބައެއްކަން ސާބިތުކޮށްދިނުމަކީ ވެސް އުނދަގޫޫ މައްސަލައެކެވެ.

ފުލުހުންނަށް ޚާއްސަ ބާރުތަކެއް ނެތް

އެ ގާނޫނުން ފުލުހުންނަށް ދިން ހަމައެކަނި ޚާއްސަ ބާރަކީ ގޭންގްތައް ގާއިމްވެ ތިބޭ ހަޓްތައް ފަދަ ތަންތަން ރޫޅާލުމާއި ގޭންގްތަކުގެ ނިޝާންތައް ރަމްޒުކޮށްދޭ ކުރެހުންތަކާއި ލިޔުންތައް ފޮހެލުން ފަދަ ކަންކަން އެކަންޏެވެ. އެހެންވެ، ގޭންގަކުން ނުވަތަ ގޭންގް މެމްބަރެއްގެ މައްޗަށް ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތެއް ކުރެވުނަސް އެ މީހުން ހައްޔަރުކުރެވެން އޮތީ ވެސް އަދި ތަންތަނަށް ވަދެ، ފާސްކުރެވެން އޮތީ ވެސް ގާނޫނު އަސާސީގައި ބުނާ އާންމު އުސޫލުންނެވެ.

އޭގެ ބަދަލުގައި، ގޭންގް ކުށްތަކުގައި މީހުން ހައްޔަރުކުރުމާއި ބަލައި، ފާސްކުރަން ޚާއްސަ ބާރުތަކެއް އެ ގާނޫނުން ފުލުހުންނަށް ދިނުން މުހިންމު ކަމަށް ގާނޫނީ ބައެއް މީހުން ފާހަގަކުރެ އެވެ. ހަމައެގޮތަށް ގާނޫނު އަސާސީގައި ބުނާ ހަނުހުރުމުގެ ހައްގާއި ބަންދުން މިނިވަންވުމުގެ ހައްގު ވެސް ކޮންމެވެސް މިންވަރަކަށް އެ ގާނޫނުން ހިފަހައްޓަން ޖެހޭ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

"ގާނޫނު އިސްލާހުކޮށް، މީހުން ހައްޔަރުކުރުމާއި ބަލައި ފާސް ކުރުމުގައި ބޮޑެތިި ބާރުތަކެއް ފުލުހުންނަށް ދިނުން މުހިންމު. މިސާލަކަށް އެ ގާނޫނުގައި ބުނާ ކުށެއް ގޭންގެއްގެ މީހަކު ކޮށްފި ކަމަށް ގަބޫލުކުރެވޭ މިންވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ އެ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކުރުން ފަދަ ބާރުތައް ދިނުން މުހިންމު،" ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ވަކީލަކު ރާއްޖޭގެ ގޭންގް ކުށްތަކާ ބެހޭ ގޮތުން ލިޔުއްވި ރިސާޗެއްގައި ބުނެފައިވެ އެވެ.

ގާނޫނު ހެދިއިރު މަޖިލީހުން ބިލް "މަރާލީ"

ރައްޔިތުންގެ މަޖިލީހަށް 2010 ގައި އޭރު އެ ބިލް ހުށަހެޅީ ވަރަށް ހަރުކަށި އުސޫލުތަކެއް ހިމަނައި، ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ކަމަށް ވިޔަސް، ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެ ގާނޫނު ބޭނުންކޮށްފާނެތީ، އޭރުގެ އަގުލަބިއްޔަތު އޮތް ޑީއާރުޕީގެ މެމްބަރުން ބޭނުންވީ މިހާރު އެ ގާނޫނު އޮތް ގޮތަށް އެ ބިލް ކޮށައި، ކުދިކޮށްލާށެވެ. ނަތީޖާއަކީ އެ ބިލް ފާސްކޮށް، ތަސްދީގު ކުރިއިރު ވެސް އެއީ "މަރުވެފައި" އޮތް ގާނޫނަކަށް ވުމެވެ.

އެ ގާނޫނުގެ ބޭނުން ނުހިފޭތީ އިސްލާހުތަކެއް ގެންނަން 2012 ގައި ސަރުކާރުން މަސައްކަތްކުރި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެއްވެސް އިސްލާހެއް ނުގެނެވެ އެވެ. އެ ގާނޫނާ އެކު އެއް ދުވަހެއްގައި އަމަލުކުރަން ފެށި "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު" އަށް 2014 ގައި ބޮޑެތި އިސްލާހުތަކެއް ގެނައިރު ވެސް ގޭންގް ކުށުގެ ގާނޫނު އޮތީ ބޭނުންނުކުރެވޭ ލިއުމެއްގެ ގޮތުގަ އެވެ. ފަހަރެއްގައި ސަރުކާރަށާއި މަޖިލިސް މެމްބަރުންނަށް އެ ގާނޫނު މުހިންމުނުވަނީ އެވެ.

ގޭންގްތައް މަދެއް ނުވެ އެވެ. ގޭންގްތަކުގެ ނުރައްކާތެރިކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާތައް ދޭތެރެ ދޭތެރެއިން ފެނެ އެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ. ގާނޫނު އޮތީ މަރުވެފަ އެވެ. އެއަށް ދިރުން ގެނައުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. މިއީ މަޖިލީހުން އަވަސް ހައްލެއް ގެންނަން ޖެހޭ ކަމެކެވެ.