Roadha Mihaaru
ގޭންގުތަކާ ދެކޮޅަށް ހާއްސަ ޓީމެއް އެކުލަވާލަނީ

ގޭންގުތަކާ ދެކޮޅަށް ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލަނީ

01 ފެބުރުއަރީ 2022

އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގޭންގްތަކުން ރާވައި ހިންގާ ކުށްތައް ހުއްޓުވާނެ ހާއްސަ ޓީމެއް އެކުލަވާލަން ނިންމާފައިވާ ކަަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގޭންގްތަކުން ރާވައި ހިންގާ ކުށްތައް ހުއްޓުވާނެ ހާއްސަ ޓީމެއް އެކުލަވާލަން ނިންމާފައިވާ ކަަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވަން ދެ ޓާސްކް ފޯސް އެކުލަވާލައި، ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމާ އެކު ފުލުހުންނާއި ސިފައިން އަންނަނީ މި މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގައި މިހާރު ކުރަމުން އަންނަ ކަމަކީ އާއްމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ އަދި ގާނޫނާއި ގަވައިދަށް ބޯނުލަނބައި ގްރޫޕްތަކުން ހިންގާ އަމަލުތައް ހުއްޓުވަން އެ މީހުންގެ ކަންކަން ގާތުން ބެލުމެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި 24 ގަޑިއިރު އެކި ސަރަހައްދުތައް ބަލައި ކުށްތައް ހުއްޓުވުމުގައި އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި އޮޕަރޭޝަން ދެމިގެންދާނީ ސިފައިންނާ އެކުގައި ނޫން ކަން ފާހަގަކުރައްވަމުން ވިދާޅުވީ ގްރޫޕްތައް ހުއްޓުވަން ފުލުހުންގެ ތެރެއިން ޓީމެއް ނަގާނެ ކަމަށެވެ.

"މައްސަލަތައް ހައްލުކުރަން އެ ޓީމު މަސައްކަތް ކުރާނީ މަގުމަތީގައި ރައްޔިތުންނަށް ފެންނަ ގޮތަށް،" ކޮމިޝަނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާ އެކު މަގުތަކަށް ސިފައިން ނެރެން ޖެހުނު މައިގަނޑު އެއް ސަބަބަކީ ނިޒާމުގެ ތެރޭގައި ބާގަނޑުތައް ހުރެގެން ނުވަތަ ކުށްތަކަށް އަރައިގަންނަ މީހުންގެ ބާރުވެރިކަން އިތުރުކުރަން މަގުފަހިވެފައިވާތީވެ ފުލުހުންނަށް ދިމާވާ ދަތިތަކުގައި އެހީއެއް ހޯދުމެވެ.

"އެކަމަކު މުސްތަގުބަލުގައި ސިފައިންނާ އެއްކޮށެއް ނޫން މި މަސައްކަތް ކުރާނީ. މި ކަމަށް ބޭނުންވާ ހާއްސަ ޓްރޭނިންތަކާއި ހާއްސަ އިކުއިޕްމަންޓާ އެކީގައި މާ ލަސްތަކެއް ނުވެ ފުލުހުން ހަރަކާތްތެރިވާން ފަށާނެ،" ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ލޭ އޮހޮރުވުންތަކާއި މާރާމާރީ ހިންގުން ފަދަ ކަންކަން މަދުވެފައި އޮތީ ގޭންގުތަކުގެ ކުށްކުރުމުގެ ޓްރެންޑް ބަދަލުކޮށްފައި އޮތުމުންނެވެ. އެ މީހުންގެ ވިސްނުން ހުރީ ކުށްކޮށްގެން ނުވަތަ ޑްރަގްސް އެތެރެކޮށް ވިއްކައިގެން ފައިސާ ހޯދުމަށެވެ.

"މާރާމާރީ ހިންގާއިރު ވެސް ފުލުހުންގެ އަތު ނުވުން. މި ގްރޫޕްތަކަށް ދައުލަތުގެ ސަމާލުކަން ނުލިބޭ މިންވަރަށް ހަރަކާތްތައް ހިންގުން އެއީ މިހާރު ކަންކަން ކުރަމުން އަންނަ ގޮތް," ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ފަށާފައިވާ އޮޕަރޭޝަންގައި މި ފަހަރު ނަތީޖާ ނެރެވޭނެ އެވެ.