Roadha Mihaaru
ޓެގެއް ނޭޅުވުނު! ބުނަނީ މަސައްކަތްކުރާ ވާހަކަ!

ޓެގެއް ނޭޅުވުނު! ބުނަނީ މަސައްކަތްކުރާ ވާހަކަ!

01 އޮކްޓޯބަރ 2017

މާލޭގައި މީހުން މެރުން އާންމުވެ، ނުރައްކާތެރި މާރާމާރީތައް ގިނަވުމުން ނުރައްކާތެރި 16 މީހެއްގެ ފައިގައި ޓެގު އަޅުވާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އަމަލީ ސިފަ ޖެހެމުން ނުދާކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގައި މީހުން މެރުން އާންމުވެ، ނުރައްކާތެރި މާރާމާރީތައް ގިނަވުމުން ނުރައްކާތެރި 16 މީހެއްގެ ފައިގައި ޓެގު އަޅުވާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އަމަލީ ސިފަ ޖެހެމުން ނުދާކަން "މިހާރު"އަށް އެނގިއްޖެ އެވެ.

މިދިޔަ ބުދަދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ 16 މީހެއްގެ ފައިގައި ޓެގް އަޅުވަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ޓެގް އަޅުވާނެ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޓެގް އަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނުރައްކާތެރި ބައެއް ކުށްވެރިންގެ ފައިގައި ޓެގް އަޅުވާނެ ކަމަށް ބުނި ފަހުން ޒުވާނަކު މަރާލައި، އެހެން ޒުވާނަކަށް ދިން ހަމަލާއެއްގައި އޭނާ އަށް އަންނަނީ ފަރުވާދެމުންނެވެ.

ނުރައްކާތެރި 16 މީހުންގެ ތެރެއިން އެކެއްގެ ފައިގައި ވެސް އަދި ޓެގް ނޭޅުވޭތީ އެކަމާ ސުވާލު ކުރުމުން ޝިފާން ވިދާޅުވީ "އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ" ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެނީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރާށެވެ. ހޯމް މިނިސްޓަރު ހުށަހަޅެއްވުމުން އެ އަމުރު ނެރެނީ ހައި ކޯޓުންނެވެ. ޓެގް އެޅުވުމުން އަމުރާ ޚިލާފްވެއްޖެ ނަމަ ދޮޅު އަހަރަށް އެމީހަކު ޖަލަށް ލުމުގެ ހުކުމެއް އާދެ އެވެ.

ކުށްވެރިންނާ ދެކޮޅަށް ސަރުކާރާއި ކޯޓުތަކުން އަމަލްކުރާ ގޮތާއި ސިޔާސީ މީހުންނާ މެދު އަމަލްކުރާ ގޮތް ވަރަށް ތަފާތު ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކެ އެވެ. އެކަމާ ސޯޝަލް މީޑިއާގައި ވެސް ބަހުސްކުރެ އެވެ.

ބައެއް މީހުން ހިޔާލު ފާޅުކޮށްފައިވާ ގޮތުގައި ސިޔާސީ މީހަކު ހައްޔަރުކުރަން ވަރަށް ފަސޭހައިން އަމުރު ވެސް ލިބެ އެވެ. އަދި ސަރުކާރުން ބޭނުން މުއްދަތެއްގައި ބަންދު ވެސް ކުރެވެ އެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު، ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ބައެއް މީހުންގެ ފައިގައި ޓެގް އަޅުވި އެވެ. ޖޫން 21، 2016 ގައި ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެއްވެސް މީހެއްގެ ފައިގައި އަދި ޓެގް އަޅުވާފައެއް ނުވެ އެވެ.