Roadha Mihaaru
މީހުން މަރާތަން ބަލާކަށް ނުތިބޭނަން: ރައީސް

މީހުން މަރާތަން ބަލާކަށް ނުތިބޭނަން: ރައީސް

05 ޖޫން 2016

ބޮޑެތި ކުށްތަކަށް އަރައިގަނެ އެކަކު އަނެކުގެ ފުރާނަ ދުއްވާލާތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި ކުށްތަކަށް އަރައިގަންނަ މީހުން އެކަން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޮޑެތި ކުށްތަކަށް އަރައިގަނެ އެކަކު އަނެކުގެ ފުރާނަ ދުއްވާލާތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި ކުށްތަކަށް އަރައިގަންނަ މީހުން އެކަން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުށްތަކަށް އަރައިގަންނަ މީހުން ދެވަނަ ހިޔާލެއްގައި ތިބި ނަމަ އެ ހިޔާލު ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރު ދެމިއޮތް ހިނދަކު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ސަރުކާރާއި ތަހުގީގީ އިދާރާތަކުން ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝަރުއީ ކޯޓުތަކުގައި ހުރި މަރުގެ މައްސަލަތައް އަވަސް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށާއި ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަރުގެ މައްސަލަތައް އަވަހަށް ނިންމާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުށްތަކަށް އަރައިގަތުން އިތުރުވަމުން ދަނީ ޝަރުއީ ދާއިރާގެ ގިނަ މަރުހަލާތަކެއް ކަޑައްތު ކުރަން ހުރުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިކަން ކަމަކީ ހަމައެކަނި ރައީސް ވިދާޅުވެގެން ބުނަން ޖެހޭ ކަންކަމެއް ނޫން. މިކަންކަމަކީ ދިވެހިންގެ ހައްގުގައި އެކަމެއް ބެލުމަށް ޒިންމާ އުފުލިފައި ތިބި މުއައްސަސާއަކުން ޒިންމާ އުފުލަން ޖެހޭ ކަންކަން. --ރައީސް

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހަލުވިކަމާ އެކު ނިންމާ ނަމަ، ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ނެތް ކަން އެ ކުށްތައް ކުރާ މީހުންނަށް ވެސް އެނގިގެންދާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ކޯޓުގެ ހުކުމްތައް ތަންފީޒު ކުރަން ކެތް މަދުވެފައި ތިބި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި އާންމުވާކަށް އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން، (މީހުންގެ ފުރާނަ ދުއްވާލުމަކީ). އެހެންވީމަ މިކަން އެބަ ހުއްޓުވަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ މައްސަލަތައް އަވަސް ކުރުމަކީ މުޅި އުންމަތް އެކަމަށް އެދިއެދި ތިބި ކަމެއް ކަމަށެވެ. އަދި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރާނީ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގައި މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި 14 އަހަރުގެ ދެ ފިރިހެން ކުއްޖަކު ވަނީ މަރާލައިފަ އެވެ. އެގޮތުން އެ ދުވަހު ހަވީރު ހިނގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ކ. ކާށިދޫ އަހްމަދު އިރުޝާން މަރުވި އިރު އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހަރައިގެން މަރުވީ މާލެ އަށް އުފަން ފާތިރު މުހައްމަދެވެ.

ފުލުހުން ބުނީ ދެ ކުދިންގެ މަރާ ގުޅިގެން ދެ ކުއްޖަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.