Roadha Mihaaru
ގޭންގުތައް އުޅޭ ކަމަށް ރައީސް ގަބޫލުފުޅެއް ނުކުރައްވާ

ރާއްޖޭގައި ގޭންގުތައް ހަރަކާތްތެރިވާ ކަމަށް ރައީސް ގަބޫލުފުޅެއް ނުކުރައްވާ

16 ސެޕްޓެމްބަރ 2018

ބޮޑެތި މާރާމާރީ އާއި ޖަރީމާތައް ހިންގާ ގޭންގުތައް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ މޭރުމަކުން ރައީސް އަބްދުﷲ ޔާމީން މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ބޮޑެތި މާރާމާރީ އާއި ޖަރީމާތައް ހިންގާ ގޭންގުތައް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ މޭރުމަކުން ރައީސް އަބްދުﷲ ޔާމީން މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

ގައުމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގެ މޮޑަރޭޓަރު ޑރ. އިބްރާހިމް ހަސަން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ވަކި ބަޔަކަށް ނިސްބަތްކޮށް ގޭންގުތަކެކޭ ވިދާޅުވާން އުނދަގޫފުޅު ކަމަށެވެ.

ގޭންގްތައް ބާރުވެރި ކުރުވައި، އެމީހުން ލައްވައި ކުށް ކުރުވަނީ ސިޔާސީ ފަރާތްތަކުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި އެކަން ގަބޫލުފުޅު ކުރައްވަންތޯ މޮޑަރޭޓަރު ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ، އެއީ އެއްވެސް ކަހަލަ ދިރާސާއެއް ކޮށްގެން ދައްކާ ވާހަކައެއް ހެން ހީފުޅު ނުވާ ކަމަށެވެ.

"ގޭންގްތަކުގެ ޑެފިނިޝަނެއް ހަގީގަތުގައި ނޭނގޭ. އެހެނެއް ނޫން ނެއިބާހުޑް ގްރޫޕްތައް އެބައުޅޭ. ކްލަބްތައް އެބައުޅޭ އަދި އެކިއެކި އިޖްތިމާއީ މަސައްކަތްތަކުގަ އާއި އެހެން ހަރަކާތްތަކުގައި އުޅޭ ގްރޫޕްތައް އެބައުޅޭ. އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގޫ ފުރަތަމަ ކަމަކަށް ދިވެހި ޒުވާނުންނަށް، ދިވެހި ރައްޔިތުންނަށް ވަކި ބަޔަކަށް ނިސްބަތްކޮށްފައި އެއީ ގޭންގްތަކެކޭ ބުނަން،" ރައީސް އެކަނި ބައިވެރިވެވަޑައިގެން ބޭއްވި ރިޔާސީ ބަހުސްގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެގޮތަށް ދެކެވަޑައިގެންނެވި ނަމަވެސް ރާއްޖޭގައި ގޭންގް މާރާމާރީތަކާއި އެހެނިހެން ތަފާތު ކުށްތައް އިތުރުވަމުންދާ މައްސަލަ ފުލުހުން ވެސް މީގެ ކުރިން އެކި ފޯރަމްތަކުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނެއް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަން ވެސް ކުރީ، ރާއްޖޭގެ ގޭންގް މާރާމާރީތައް ވަރަށް ބޮޑަށް އިތުރުވެ، އޮބިނޯވެގެންނެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދާކުރައްވާ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ގޭންގުތައް ހަރަކާތްތެރިވާ ކަމަށް ސާބިތުކޮށްދޭ ދިރާސާއެއް ނެތް ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުން ގޭންގުތައް ބޭނުންކޮށްގެން ބޮޑެތި ޖަރީމާތައް ހިންގާ ކަމަށް ކުރާ ތުހުމަތުތައް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ނުދެކެން މިއިން ޒަމާނަކު ތިކަހަލަ ރިސާޗެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ތި މީހުން ލައްވައި މިހާ ބޮޑެތި މަސައްކަތްތަކެއް ކުރެވިދާނެ ކަމަކަށް. އެހެން މި ދަންނަވާ ސަބަބަކީ ގޭންގް ވަޔަލެންސް ތި ދަންނަވާ ކަހަލަ ބޮޑެތި ވަޔަލަންސް ވަނީ 100 އަކުން 35 ދަށަށް ގޮސްފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު އެހާ ނެގެޓިވް އެޓިޓިއުޑެއް ތިޔަ ވިދާޅުވި ކަހަލަ ސޯޝަލް ސެކްޓާގައި އުޅޭ ގްރޫޕިންސް އަކަށް ދޭކަށް ބޭނުމެއް ނުވޭ."

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ބޮޑެތި ޖިނާއީ ކުށް ކުރާ ނިސްބަތް 65 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ނިކުންނަން މެދުވެރިވާ ސަބަބު ދަސްވެއްޖެ ނަމަ އެ އަދަދު އިތުރަށް ތިރި ކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއީ ތައުލީމާއި ތަރުބިއްޔަތުގެ މައްސަލައެއް ވެސް ނޫން މިއުޅެނީ. އެހެންވީމާ އެ މައްސަލަތައް އަންޑަސްޓޭންޑް ވީމާ، ތި ރިފާ ކުރި ކަހަލަ ވަޔަލަންސް މުޅިން ހުއްޓާލެވޭނެ. އެކަމަކު ފަސް އަހަރެއްހާ މުއްދަތުގެ ތެރޭގައި ވަޔަލެންސް 35 ޕަސެންޓް [35 ޕަސެންޓަށް ދަށްވެއްޖެ]، ހާއްސަކޮސް ބޮޑެތި ބްރޫޓަލް ސްޓެބިންގްސް އާއި ހާއްސަކޮށް މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަކީ އަޅުގަނޑު ހިތުން ނޯ ލެސް އެޗީވްމަންޓް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މި އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ، ގޭންގް ކުށްތައް ރާއްޖެއިން ނައްތައިލުމަށްޓަކައި ގެންގުޅުއްވާނެ ސިޔާސަތަކާ ގުޅޭ ގޮތުން މޮޑަރޭޓަރު ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، އެކަން ކުރެވޭނީ ފަސް އަހަރަށް ވުގެ ދިގު މުއްދަތެއް ދިނުމުން ކަމަށެވެ.

"އަޅުގަނޑަށް އުއްމީދު އެބަ އޮތް އިރާދަ ކުރެއްވިއްޔާ ދެން ރައްޔިތުން އަޅުގަނޑަށް ފަސް އަހަރު ދެއްވައިފި ކަމަށް ވާ ނަމަ ހަމަ ޑްރާސްޓިކަލީ މި އަދަދު ތިރިވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

"ގޭންގް ވަޔަލަންސް ނައްތާލެވޭނީ ފަސް އަހަރަށް ވުރެ ގިނަ ދައުރެއް ރައްޔިތުން ދިނީމާ. އެއީ ތިޔަ ވިދާޅުވާ ގްރޫޕިންގްސްގެ ތެރެއިން ނުކުންނަ ވަޔަލެންސަކީ އިއްޔެ އަދި މިއަދު އުފަންވި ކަމެއް ނޫން."

ގައުމީ ޔުނިވާސިޓީގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ބަހުސުގައި ރައީސް ވަނީ އިޖްތިމާއި މައްސަލަތަކާއި އަދުލް އިންސާފާ ބެހޭ ގޮތުންނާއި އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.