Roadha Mihaaru
މަގުމަތީގެ އެކްސިޑެންޓުތަކުގައި މިއަށްވުރެ ސީރިއަސްވާންޖެހޭ

މަގުމަތީގެ އެކްސިޑެންޓުތަކުގައި މިއަށްވުރެ ސީރިއަސްވާންޖެހޭ

08 ފެބުރުއަރީ 2024

އަދާކުރައްވަމުން ގެންދެވީ ޒިންމާދާރު ވަޒީފާއެކެވެ. ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލެނބި، އެތައް ދަރިވަރުންގެ އެދުރެކެވެ. އެކަމަކު، ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ހަނި ގޯޅިއަކުން ގަވައިދަކަށް ބެލުމެއް ނެތި، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ގޮސް އެ ޖެހުނީ، ފަތިސް ނަމާދުކޮށްގެން މިސްކިތުން ފައިބައިގެން ޒިބްރާ ކްރޮސް އިން ހިނގާފައި ދިޔަ އަލީ ހަފީޒްގެ ގައިގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަދާކުރައްވަމުން ގެންދެވީ ޒިންމާދާރު ވަޒީފާއެކެވެ. ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލެނބި، އެތައް ދަރިވަރުންގެ އެދުރެކެވެ. އެކަމަކު، ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ހަނި ގޯޅިއަކުން ގަވައިދަކަށް ބެލުމެއް ނެތި، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ގޮސް އެ ޖެހުނީ، ފަތިސް ނަމާދުކޮށްގެން މިސްކިތުން ފައިބައިގެން ޒިބްރާ ކްރޮސް އިން ހިނގާފައި ދިޔަ އަލީ ހަފީޒްގެ ގައިގަ އެވެ.

ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާގެ ޒިންމާ އުފުއްލަމުން ގެންދެވި މެދު އުމުރުގެ ހަފީޒުގެ އެކްސިޑެންޓަށް އަންނަ ޖޫން 28 ގައި އަހަރެއް ފުރޭނެ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ފަރުވާއަކަށް ފަހު ނުރައްކަލުން އަރައިގަނެވުނަސް، އޭނާ އަދިވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެކަމަކު، ފަރުވާ ކުޑަކޮށް ސައިކަލު ދުއްވި މީހާ ގަދަވެ ސަލާމަތުންނެވެ. އިއްވި ދެ އަހަރުގެ ހުކުމަށް ފަހު އަންނަ އަހަރު އޭނާ މިނިވަންވާނެ އެވެ.

މަގުމަތީގެ އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ ނަމަ އަނިޔާ ލިބޭ މީހާ އާއި އެ އާއިލާއިން ބޮޑު ވޭނެއް އުފުލަ އެވެ. އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ، އެކަމުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅެއް ނޭޅުމެވެ. ބާރު ސްޕީޑުގައި ދުއްވުމާއި އެހެން މީހުންނަށް ނުރައްކާވާ ގޮތަށް އުޅަނދުތައް ދުއްވިޔަސް ވާކަމެއް ނެތެވެ.

މާލޭ އޭރިޔާގެ ޕޮލިސް ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓުތައް ތަހުގީގުކުރުމުގައި ދެ ގޮތަކަށް އަމަލުކުރާ ކަމަށެވެ. އެއީ، ޖިނާއީ ބަޔާއި މަދަނީ ގެއްލުން ހޯދައިދިނުމުގެ ދައުވާ އެވެ.

ސަމީރު ވިދާޅުވީ ޖިނާއީ ދައުވާކުރެވެނީ އެކްސިޑެންޓުގައި މިސާލަކަށް މީހަކަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ އެވެ. އެކަމަކު، ސަމީރު ވިދާޅުވީ އެކްސިޑެންޓުތަކުގައި ގިނަ ފަހަރަށް އޮންނަނީ ދެ ފަރާތުގެ މައްޗަށް ބިނާވެފައި ކަމަށާއި އެ ދެ ފަރާތުން ވާހަކަ ދައްކައިގެން މަދަނީ ބަދަލެއް ނަގައިދިނުން ނުވަތަ ހަލާކުވި އުޅަނދު ހަދައިދިނުމުގެ ހަރަދު ނަގައިދޭ ގޮތަށް ހަމަޖެއްސުމުން މައްސަލަ ނިންމާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް ފުރުވާލަން ހޮސްޕިޓަލުން ނެރެގެން ގެންދަނީ.

އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް ފުރުވާލަން ހޮސްޕިޓަލުން ނެރެގެން ގެންދަނީ.

"އޭގައި އަޅުގަނޑުމެންގެ ސައިޑުން ކޮށްދޭންޖެހޭ އެންމެހާ ގިނަ ކަންތައްތައް ކުރެވެމުންނޭ ދަނީ... ހިނގާ ކޮންމެ އެކްސިޑެންޓަކީ، ދެ ފަރާތް ނުވަތަ ތިން ވަނަ ފަރާތެއް ވިޔަސް އެކަންކަން އެއްބަސްވެގެން ދަނީ. އަޅުގަނޑުމެން ނިންމަނީ މި ވެނި ފަރާތެއްގެ އިހުމާލުންނޭ އެކަމެއް ހިނގާފައި އޮތީ. އެހެންވީމަ، އެ ފަރާތުން ބަދަލު ދޭންޖެހޭ ފަރާތަކަށް ބަދަލު ދިނުން، ފައިސާގެ މުއާމަލާތެއް ވިއްޔާ ދެ ފަރާތު ނިންމާ ނިންމުންތަކާއި ނުވަތަ ކޯޓުން މެދުވެރިކޮށް އެކަން ކުރިއަށް ގެންދެވޭ." ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގިނަ އެކްސިޑެންޓުތައް ހިނގަނީ މަގުމަތީގައި އުޅަނދުތައް ޕާކްކޮށްފައިވާ ގޮތުންނާއި ބާރަށް ދުއްވުން ފަދަ މަގުމަތީގެ އަދަބުތަކަށް ބޯނުލެނބުމުން ކަމަށެވެ. ބްރިޖާއި ހައިވޭގައި އެކްސިޑެންޓުތައް ހިނގަނީ، ސަމީރު ވިދާޅުވި ގޮތުގައި ބާރަށް ދުއްވުމާއި ދެ އުޅަނދު ދޭތެރޭގައި ބަހައްޓަންޖެހޭ ދުރުމިން ނުބެހެއްޓުމުންނެވެ.

އެކްސިޑެންޓެއްގައި ކިތަންމެ ބޮޑު އަނިޔާއެއް ވިޔަސް އިހުމާލުވި ފަރާތަށް ޖިނާއީ ދައުވާކުރަނީ އެކަށީގެންވާ ވަރަށް ހެކި ހުރެގެންނެވެ. ބައެއް ހާލަތްތަކުގައި ލިބޭ ގެއްލުމަށް ދައުވާ ކުރަން ބޭނުން ނުވެ އަދި ބައެއް މީހުން އެކަން ކުރިއަށްގެންދަން ބޭނުންވެ އެވެ.

ފުލުހުންގެ ތަހުގީގުތަކުން މިހާރު ވެސް، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ޖިނާއީ ދައުވާކުރުމުގެ އިހުތިޔާރު އެބައޮތެވެ. ނުވަތަ ހަ މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުމަކީ ވެސް ތަހުގީގު ތެރެއިން ކުރަމުންދާ ކަންތައްތަކެވެ.

"ޖިނާއީ ދައުވާ ނުކުރިޔަސް އެ މީހާގެ ލައިސެންސް ހިފެހެއްޓުމުގެ ކަންތައްތައް ހިމެނޭ. އެގޮތަށް ހަމަ އަމަލުކުރަމުންދޭ." ސަމީރު ވިދާޅުވި އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކަނި ވެސް މަގުމަތީގެ އެކްސިޑެންޓުގެ 1،116 މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ތަހުގީގުކޮށްފައި ވަނީ 606 މައްސަލައެކެވެ. އެ ހާދިސާތަކުގައި 47 މީހަކަށް އަނިޔާ ލިބުނެވެ. އެއް މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއިރު، އެކްސިޑެންޓަކާ ގުޅިގެން އެކަކު ހައްޔަރުކުރި އެވެ.

ޕީޕީއެމް އޮފީސް ކައިރީގައި މިރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ބަޔަކު އެއްވެގެން.

ޕީޕީއެމް އޮފީސް ކައިރީގައި މިރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ބަޔަކު އެއްވެގެން.

އެ މުއްދަތުގެ ތެރޭގައި ފުލުހުންނަށް ފާހަގަވި ކުށްތަކުގެ ތެރެއިން، އެހެން މީހުންނަށް ނުރައްކާވާ ގޮތަށް 113 މީހުން އުޅަނދު ދުއްވި އެވެ. އަދި ބާރަށް ދުއްވައިގެން 198 މީހުން ހިފެހެއްޓި އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި 1،115 މައްސަލަ ރިޕޯޓުކުރިއިރު، 524 މައްސަލަ ތަހުގީގުކޮށްފައިވެ އެވެ. އެ ހާދިސާތަކުގައި 48 މީހަކަށް އަނިޔާވިއިރު، އެ މުއްދަތުގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓުތަކުން ފަސް މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް، ދައުވާކޮށްފައިވަނީ އެންމެ މައްސަލައެއްގަ އެވެ.

މިދިޔަ މަހު އެކަނި ވެސް ޓްރެފިކް އެކްސިޑެންޓުގެ 260 މައްސަލައެއް ހުށަހެޅި އެވެ.

ސަމީރު ވިދާޅުވީ ތަހުގީގު މަރުހަލާގައި ހޭދަވާ މުއްދަތު އަވަސްކުރުމަށް އިތުރު މަސައްކަތްކުރަންޖެހޭ ކަމަށެވެ. ވީ އެންމެ އަވަހަކަށް ދައުވާކޮށްދިނުން ނުވަތަ ބަދަލު ހޯދައިދިނުމަށް ފުލުހުންގެ ފަރާތުން މަސައްކަތްކޮށްދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސިޑެންޓުތައް މަދުކުރުމަށް، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް 30 ދުވަހަށް ހިފަހައްޓާ މިހާރު ވެސް. އެ ކަންކަމާ ޕާކިންނަށް ވެސް ގުޅިފައި އެބަހުރި. މާލެ ތެރޭގައި ހިނގާ އެކްސިޑެންޓުތަކަށް ޖުމްލަ ހައްލެއް ގެނެވޭނީ އެ ކަންކަމަށް ވެސް ހައްލެއް ގެނެވިގެން."

އެ ނިޒާމް އިތުރަށް މުރާޖައާކުރަން ޖެހޭ ކަމަށް ފުލުހުން ވެސް ގަބޫލުކުރާއިރު ލައިސަންސް ނެތި އޮޕަރޭޓްކުރުމާއި ނުރައްކާތެރިކޮށް އުޅަނދު ދުއްވުމަކީ އެހެން ބަޔަކު ނުރައްކަލަށް ހުށަހެޅޭނެ ކަންކަމަށް ވާތީ އެކަށީގެންވާ ވަރުގެ އަދަބެއް ނުވަތަ އެހެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ސަމީރު ފާހަގަކުރެއްވި އެވެ.

އެކަމަކު، ތަފާތު އެކި ހާދިސާތަކުގައި މަދަނީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓު ފަދަ ކަންކަމުގައި އެ ހާދިސާގެ މައުލޫމާތު ފުލުހުންގެ ފަރާތުން ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންވެ، އަވަހަށް މައްސަލަ ހުށަހަޅަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެއްލުމުގެ ބަދަލު ހޯދަން އެބަ ބޭނުންވޭ އެކްސިޑެންޓުގެ މައުލޫމާތުތައް. އެކަމަކު، ފުލުހުންގެ ފަރާތުން ފަސޭހައިން ނުލިބޭ އެ މައުލޫމާތުތަކެއް. ބުނަނީ ކޯޓަށް ހުށަހަޅައިގެން އަމުރު ހޯދައިގެން އަންނަން. އެކަމަކު، ކޯޓަށް ހުށަހަޅަން ވެސް އެބަ ބޭނުންވޭ މައުލޫމާތު."

"ސިވިލް ބައިގައި މިހެން ސިރިއަސް ގޮތުގައި ނުބަލާ އަސްލު،" ޝުނާނާ ވިދާޅުވި އެވެ.

އެކްސިޑެންޓުތަކުގައި މީހާ އަށް ސިއްހީ އަދި މާލީގޮތުން އެތައް ގެއްލުންތަކެއް ލިބޭއިރު އެންމެން ވެސް ގަބޫލުކުރާ ކަމެއް އެބައޮތެވެ؛ މަގުމަތީގެ އެކްސިޑެންޓުތަކުގައި މިހާރަށް ވުރެ ހަރުކަށި އަދަބުތަކެއް ދޭންޖެހެ އެވެ. އެހެން ނޫނީ އެކަމަށް ހައްލެއް ނެތެވެ.