Roadha Mihaaru
ހުޅުމާލޭގައި ސްޕީޑް ގަން ބޭނުންކުރަން ފަށަނީ

ހުޅުމާލޭގައި ސްޕީޑް ގަން ބޭނުންކޮށް، ނުރައްކާކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅަނީ

07 ޖުލައި 2022

ބިރުވެރިކަން އުފެދޭ ގޮތަށް ވެހިކަލް ދުއްވުން ހުއްޓުވަން ފުލުހުން ހުޅުމާލޭގައި ވަކި ވަގުތުތަކެއްގައި ސްޕީޑް ގަން ބޭނުންކުރަން ފަށާނެ ކަމަށާއި ނުރައްކާތެރިކޮށް ދުއްވާ ވެހިކަލް ހުއްޓުވަން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިރުވެރިކަން އުފެދޭ ގޮތަށް ވެހިކަލް ދުއްވުން ހުއްޓުވަން ފުލުހުން ހުޅުމާލޭގައި ވަކި ވަގުތުތަކެއްގައި ސްޕީޑް ގަން ބޭނުންކުރަން ފަށާނެ ކަމަށާއި ނުރައްކާތެރިކޮށް ދުއްވާ ވެހިކަލް ހުއްޓުވަން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ބަހެއްގައި ޖެހި މީހަކު މަރުވި އެކްސިޑެންޓަށް ފަހު، ބާރަށް ދުއްވާ މީހުންނަށް ފުލުހުން ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ އަނެއްކާވެސް ބޮޑުވެފައި ވަނިކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި ހުޅުމާލެ ފޭސް 1 ގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް ހުއްޓުވާނެ ކަމަށެވެ. އެގޮތަށް ނުހުއްޓުވޭ އުޅަނދުތައް ވެސް ވީޑިއޯ ބަލައިގެން ހޯދައި ފަހުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުކޮށް ހިނގާ އެކްސިޑެންޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކަރީމް ވިދާޅުވީ ހުޅުމާލޭގެ މަގުތަކުގެ ޖަންކްޝަންތަކުގައި އެކަކު އަނެކަކަށް ޖާގަ ނުދީ ގޯޅި އެޅުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް ގިނަ ކަމަށެވެ. އަދި ކުޑަ ކަމެއް ހައްލުކޮށްފި ނަމަ އެކްސިޑެންޓުތައް މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުއްވާއިރު އަސްލު ވަރަށް ކުޑަކުޑަ ކަމެއް ހައްލުކޮށް ސަމާލުކަން ދީފި ނަމަ ހިނގާ އެކްސިޑެންޓުތައް މަދުވާނެ. އޭގެ ތެރޭގައި އޯވަޓޭކްކުރުމާއި ޖާގަ ނުދީ ގޯޅި އެޅުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގާފައި އެބަހުރި. މުޅި ހުޅުމާލެ މަގަކީ ތާރު އެޅި މަގުތަކަށް ވުމުން ހިނގާ ކިތަންމެ ކުޑަ އެކްސިޑެންޓެއްގައި ވެސް މީހާއަށް އަނިޔާތަކެއް ލިބޭ. ތާރު މަގުތަކުގައި ހިނގާ އެކްސިޑެންޓުތަކުގައި ލިބޭ އަނިޔާތައް ބޮޑުކަން ފާހަގަކުރެވޭ،" އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ކަރީމް ވިދާޅުވި އެވެ.

ހެޑް އޮފް މާލެ އޭރިޔާ 1، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވައިގެން، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 40 އަށް ވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެގޮތަށް ނަގާ ސައިކަލް ދެނީ 30 ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވައި ޖޫރިމަނާތައް ދެއްކުމުންނެވެ.

ސަމީރު ވިދާޅުވީ އެ ގޮތަށް ހިފަހައްޓާ މީހުންގެ ތެރޭގައި ލައިސެންސް ނެތި ދުއްވާ މީހުން ގިނަ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި. ލައިސެންސް ނެތި ސައިކަލް ދުއްވައިގެން 1،034 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ބްރިޖްގައި ގިނައިން އެކްސިޑެންޓް ހިނގަނީ ދުއްވަންޖެހޭ ވަރަށް ބާރަށް ނުވަތަ މާ މަޑުން ދުއްވުމުން ކަމަށެވެ. ބްރިޖްގައި އެންމެ މަޑުން ދުއްވަން ޖެހޭނީ 25 ކިލޯމީޓަރަށެވެ. އެންމެ ބާރަށް ދުއްވަން ހުއްދަ އޮންނަނީ 50 ކިލޯމީޓަރަށެވެ.

ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގައި ދުއްވާއިރު އޯވަޓޭކް ކުރުމާއި ގޯޅިތަކުން މައި މަގަށް ނުކުންނައިރު ސަމާލުކަން ދީފިނަމަ އެކްސިޑެންޓުތައް މަދުވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

މާލޭގައި މީހަކު މަރުވެ ބަޔަކު ވަރަށް ބޮޑަށް ޒަހަމްވި އެކްސިޑެންޓާ ގުޅިގެން، މަގުމަތީގައި ދުވާ މީހުންނަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކަރީމް ވިދާޅުވީ ވެހިކަލްތަކަށް ރިފްލެކްޓްވާ ގޮތަށް ހެދުން އެޅުމުން، ދުވާ މީހުންނާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

"މަގުމަތީގައި ދުވާ ފަރާތްތަކުން ދުވާއިރު ވެސް ވިޒިބްލް ހައި، ކުލަގަދަ ޒާތުގެ ޓީޝާޓް ނުވަތަ އެ ވައްތަރުގެ އެއްޗެހި ބޭނުންކުރުމަކީ މުހިއްމު ކަމެއް. އެއީ ރޭގަނޑު އަބަދު ދުވާއިރު ދުއްވާ ފަރާތްތަކަށް، ވެހިކަލްތަކަށް އެ މީހުންގެ ރިފްލެކްޓްވާ ގޮތަށް ޑްރެސް ކޯޑު ބޭނުންކުރުމަކީ ދުވާ ފަރާތްތައް ވެސް އަދި އެހެން ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމެއް،" ކަރީމް ވިދާޅުވި އެވެ.

މާލޭ އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް، ބަހެއްގައި ޖެހިގެން މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި އަންހެނަކު މަރުވެ، ހަތަރު މީހަކަށް ސީރިއަސް ޒަހަމްތައް ލިބި އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

އެ އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅުގައި ޖެހިގެންނެވެ. އެ ވަގުތު ކަސްރަތަށް ބަޔަކު ދުވެފައި ދާތަން، ސީސީޓީވީ ފުޓޭޖުން ފެންނާތީ އެއްބަޔަކު ބުނަނީ އެކްސިޑެންޓް ހިނގީ ދުވާ މީހުންގެ ގައިން ކާރު ނައްޓަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ މީހުންނާ ހަމަޔަށް ކާރު އައުމުގެ މާ ކުރިން ވެސް ސީސީޓީވީން ފެންނަ ގޮތުގައި ކާރު އޮންނަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ.