Roadha Mihaaru
ހުޅުމާލެ 1ގެ ކުލިން 20 ޕަސެންޓް ދެން ކުޑަވާނެ

ހުޅުމާލެ 1 ގެ ފްލެޓްތަކުގެ ކުލިން 20 ޕަސެންޓް ދެން ކުޑަވާނެ

31 ޖެނުއަރީ 2024

ހުޅުމާލެ 1ގެ ފްލެޓްތަކުގެ ކުލިން ކުޑަކޮށްދޭން ނިންމި 20 ޕަސެންޓުގެ ޑިސްކައުންޓް ލިބެން ފަށާނީ މި ފެބްރުއަރީ މަހުން ފެށިގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 1ގެ ފްލެޓްތަކުގެ ކުލިން ކުޑަކޮށްދޭން ނިންމި 20 ޕަސެންޓުގެ ޑިސްކައުންޓް ލިބެން ފަށާނީ މި ފެބްރުއަރީ މަހުން ފެށިގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14"ގެ މަގުޗާޓުގައިވާ ގޮތަށް ހުޅުމާލެ 1ގެ ހައުސިން ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކު ވެސް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޑިސްކައުންޓް ދޭނީ އިންސްޓޯލްމަންޓްގެ އަދަދުން ކަމަށާއި ފްލެޓްގެ މެއިންޓެނަންސް ނުވަތަ މެނޭޖުމަންޓް ފީން މި އުނިވުން ނާންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މިގޮތަށް ނިންމުމުން، ފްލެޓްތަކުގެ ކުލިން މިހާތަނަށް ނުދައްކާ ހުރި ބައި ދައްކާއިރު 20 ޕަސެންޓުގެ އުނިވުމެއް ނާންނާނެ އެވެ.

ރައީސް ނިންމަވާފައި ވަނީ ކުލި ކުޑަކޮށްދިނުމާ އެކު، ނުދައްކާ ހުރި ކުލީގެ ފައިސާ ވެސް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. އެޗްޑީސީން ވަނީ މި ފުރުސަތު ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހަޅަން މީގެ ކުރިން ފުރުސަތު ދީފަ އެވެ.

ހުޅުމާލެ 1ގެ ފްލެޓުތަކުގެ ކުލިން 20 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާ ކަން ރައީސް އިއުލާންކުރެއްވީ މި މަހު ކުރީކޮޅުގަ އެވެ. ކުލިން ކަނޑާ 20 ޕަސެންޓް ސަރުކާރުން އަމިއްލައަށް މެނޭޖުކުރާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ފްލެޓްތަކުން މެއިންޓެނަންސް ފީ ނުލައި ކުއްޔަށް 4،000ރ. އިން ފެށިގެން 7،000ރ. އާ ހަމައަށް ފައިސާ ދައްކަން ޖެހެ އެވެ.

ސަރުކާރުން ވަނީ ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި، މެއިންޓެނަންސް ފީ ނުލައި 3،984ރ. އަށް މިދިޔަ އަހަރު ފަހުކޮޅު ކުޑަކޮށްދީފަ އެވެ. އަދި ރަށްރަށުގައި ހުރި ރޯހައުސްތަކާއި ފްލެޓްތަކުގެ ކުލި ވެސް 3،330ރ. އަށް ވަނީ ކުޑަކޮށްދީފަ އެވެ.