Roadha Mihaaru
މާލޭގައި ޖިނާއީ ޝަރީއަތް ހުއްޓިއްޖެ:އުއްތަމަ ފަނޑިޔާރު

މާލޭގައި ޖިނާއީ ޝަރީއަތްތައް އޮތީ ހުއްޓިފައި، ވަގުތުން ހައްލެއް ދޭންޖެހޭ: އުއްތަމަ ފަނޑިޔާރު

18 ޖެނުއަރީ 2024

މާލޭގައި ޖިނާއީ މައްސަލަތައް ބެލުން ހުއްޓިފައިވާ ކަމަށާއި އެއީ މިހާރުން މިހާރަށް ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ޖިނާއީ މައްސަލަތައް ބެލުން ހުއްޓިފައިވާ ކަމަށާއި އެއީ މިހާރުން މިހާރަށް ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވި އެވެ.

ޖުޑީޝަލް އަހަރު އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތް ބާވުމާއި މޫސުން ގޯސްވެ އެ ކޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އެ ކޯޓުން ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުން ފިޔަވައި އިތުރު މަސައްކަތެއް މިހާރު ނުކުރެވޭ ކަމަށެވެ. އެހެންވެ، މާލޭގައި ޖިނާއީ މައްސަލަ ބެލުން ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އޭގެ ނޭދެވޭ އަސަރު ކުރާނެތީ އަވަސް ހައްލެއް ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ނެތްކަން ފާހަގަ ކުރަން. ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް." ރައީސް މުހައްމަދު މުއިއްޒާއި ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސާއި އުއްތަމަ ފަނޑިޔާރުންގެ އިތުރުން ޖޭއެސްސީގެ ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

މިރޭގެ ރަސްމިއްޔާތުގައި ރައީސާއި އުއްތަމަ ފަނޑިޔާރުންގެ އިތުރުން ޖޭއެސްސީގެ ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި ޑްރަގް ކޯޓަށް މިހާރު ދަތިތަކެއް ކުރިމަތިވެފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމަކު އެ ދަތިތަކާ އެކު ހިދުމަތްތައް ދެމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މަދަނީ އިޖްރައާތުގެ ގާނޫނާއި ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތްގޮތުން އެ ދެ ނިޒާމު ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ދެ ގާނޫނުގެ ސަބަބުން މައްސަލަތައް ކުރިއަށް ނުގޮސް، ފުނި ޖެހެމުންދާ ކަމަށާއި އެހެންވެ، އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށާއި އަދި ޝަރުއީ ދާއިރާގެ އެއްބާރުލުން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ގާނޫނުތައް އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ހާސިލްކުރަން ބޭނުންވި މަގްސަދު ހާސިލްނުވެ، މައްސަލަތައް ލަސްވެ، ފުނިޖެހޭ ގޮތް ވަނީ މެދުވެރިވެފައި. މި ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީއާ އެކު ދެނެގަންނަން ޖެހޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ކުރަން މަސައްކަތް ކުރާއިރު ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ބަދަލު ކުރަން ވެސް ޖެހޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ ހަރަދުގައި ވަކީލުން އެހީތެރިކަން ދިނުމަށް އޮންނަ ނިޒާމު ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެންނަން ޖެހެ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކެކޭ އެއްގޮތަށް މަދަނީ މައްސަލަތަކުގައި ދައުލަތުގެ ހަރަދުގައި ވަކީލުންގެ އެހީތެރިކަން ދިނުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.