Roadha Mihaaru
އެޗްޑީސީ އަށް އާބަންކޯ ކިޔުން ހުއްޓާލަނީ!

އެޗްޑީސީ އަށް އާބަންކޯ ކިޔުން ހުއްޓާލަނީ!

16 ޖެނުއަރީ 2024

ކުރީގެ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ" ގެ ނަން ބޭނުންކުރުން ހުއްޓާލައި ކުރިއެކޭ އެއްގޮތަށް އެޗްޑީސީ ކިޔަން ނިންމައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ" ގެ ނަން ބޭނުންކުރުން ހުއްޓާލައި ކުރިއެކޭ އެއްގޮތަށް އެޗްޑީސީ ކިޔަން ނިންމައިފި އެވެ.

އެޗްޑީސީގެ އިސްވެރިއަކު މިއަދު ވިދާޅުވީ، އާބަންކޯ ކިޔުން ހުއްޓާލަން ނިންމީ އާންމުންނަށް ވަރަށް ބޮޑަށް އޮޅުން އަރަމުންދާތީ އެ ކަމަށް ހައްލެއް ހޯދަން ކަމަށެވެ.

"އާބަންކޯ ކިޔަމުން އައި ނަމަވެސް ރަސްމީ ހުރިހާ ޑޮކިއުމަންޓްތަކުގައި ބޭނުންކުރަނީ އެޗްޑީސީ. އެޗްޑީސީގެ ނަމެއް ބަދަލެއް ނުވޭ. ގާނޫނީ ގޮތުން ބޭނުންކުރަނީ އެޗްޑީސީ. އެހެންވެ، ދެ ނަމެއް ބޭނުންކުރުމުން ޕަބްލިކަށް ވަރަށް ބޮޑަށް އޮޅުން އަރާތީ އާބަންކޯ ކިޔުން މި ހުއްޓާލީ،" އޭނާ ވިދާޅުވި އެވެ.

"މިއީ ރީބްރޭންޑް ކުރުމެއް ވެސް ނޫން. އާބަންކޯ ކިޔުން މި ހުއްޓާލަނީ."

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭގައި ބޭއްވެވި ކެމްޕެއިން ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށްފައި އޮތީ ނަމެއްގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން އަދިވެސް އެއީ އެޗްޑީސީ އެވެ. އަދި އާބަންކޯ ކިޔަން ގާނޫނީ ގޮތުން ކުރަން ޖެހޭ އެއްވެސް ކަމެއް ކުރީގެ ސަރުކާރުން ކޮށްފައި ނެތް ކަަމަށް ވެސް ވިދާޅުވި އެވެ.

"ބޮޑަށް ހީވަނީ ކޮންމެވެސް ފަރާތަކަށް ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތީ ކަމަށް. ގާނޫނީ އެއްވެސް ކަމެއް ނެތް ކޮށްފައެއް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށް އެކަން އިއުލާންކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާއެއްގަ އެވެ. އެއާ އެކު، ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ލޯގޯ ވެސް އާބަންކޯ އާ ގުޅޭ ގޮތަށް ބަދަލުކުރި އެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ރަސްމީ ހެދުމުގައި ވެސް ބޭނުންކުރަމުން އައީ އާބަންކޯގެ ލޯގޯ އެވެ.

އޭރު ބުނެފައިވަނީ އާބަންކޯ އަށް ރީބްރޭންޑް ކުރުން ވެގެން ދާނީ މިހާރު ކުންފުނިން ދޭ ހިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށެވެ. އަދި ބްރޭންޑް ތަރައްގީކުރީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައި ދޭނެ ބައިވެރިއަކީ އާބަންކޯ ކަމަށް ބަލައިގެން ކަމަށް ބުންޏެވެ.

އެޗްޑީސީ އަކީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި ތަނެކެވެ. އޭގެ ފަހުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކުރި އެވެ. ހުޅުމާލެ ޕްލޭންކޮށް، ތަރައްގީކުރީ އެ ކުންފުނިންނެވެ. ފަހުން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން އަށް ބަދަލުކުރީ އެވެ. މިހާރު ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި ވެސް ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ.