Roadha Mihaaru
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ

ކޮމާޝަލް 7 އިމާރާތެއް ހުޅުމާލޭގައި އަޅަން ޗައިނާއާ ހަވާލުކޮށްފި

09 ޖެނުއަރީ 2024

ހުޅުމާލޭގެ އާބަން އައިލްގައި ހަދާ "ސްޕައިން" އޭރިއާގެ ވިޔަފާރި ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ އާބަން އައިލްގައި ހަދާ "ސްޕައިން" އޭރިއާގެ ވިޔަފާރި ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަފުދުގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މި ޕްރޮޖެކްޓަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ.

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ކުރިން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.

"ކޮމާޝަލް ސްޕައިން" ޕްރޮޖެކްޓްގެ ދަށުން ހަދަނީ ހަތް އިމާރާތެއް ގުޅުވައިގެންނެވެ. އެއީ ކޮމާޝަލް ހަތް އިމާރާތާއި ސަޕޯޓިން ހިދުމަތްތައް ދޭން ހަދާ އިމާރާތެކެވެ. އެތަންތަނުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް ހިދުމަތްތަކާއި އެންޓަޓެއިންމެންޓް ހިދުމަތްތަކާއި ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ.

ގާތްގަނޑަކަށް 290،000 އަކަފޫޓުގެ އެ ސަރަހައްދުގެ އިމާރާތްތައް ހަދަނީ 4-3 ފްލޯއަށެވެ. އާބަންކޯއިން ބުނީ، ގުޅުވާލައިގެން ހަދާ މި ހަތް އިމާރާތް ވާނީ އެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށް ކަމަށެެވެ. އެ ބިލްޑިންގަށް "ސްޕައިން" ކިޔާފައިވަނީ އެ އިމާރާތްތައް ގުޅާލާފައިވާތީ އެވެ.

މި ސަރަހައްދު ހެދުމުން ވާނީ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝަލް ޒޯނަށެވެ. ލެޝާ އަދި އެންޓަޓެއިންމަންޓް ހަރަކާތްތައް ހިމެނޭ އެ ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒަމް ފުޅާވާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އެ ސަރަހައްްދުގެ އިމާރާތްތައް ނިމުމުން އާބަންކޯއިން ވިޔަފާރިތަކަށް ބިލްޑިންތައް ކުއްޔަށް ދޫކުރާނެ އެވެ.